19 Jul 2016, 16:49
ރާއްޖެއިން ފައިލޭރިއާ ނައްތާލުމުގެ ސެޓްފިކެޓް ޑަބްލިއުއެޗްއޯ އިން ދީފައިވާއިރު، އެ ލަނޑުދަނޑި ހާސިލް ކުރެވިފައި މި ވަނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަކީ މި ސަރަހައްދުން އެ ލަނޑުދަނޑި ޙާޞިލް ކުރި ފުރަތަމަ ޤަޢުމު ކަމަށާއި، މިހާރު މަސައްކަތް ކުރަމުން ދަނީ، ޤައުމުން މީގެ ކުރިން ނުފެންނަ ބަލިތައް ފެތުރުނަ ނުދިނުމަށް ކަމަށެވެ.
"ގައުމީ ފައިލޭރިއާ ކޮންޓްރޯލް ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކާއި، ހެލްތު ވޯކަރުން ވަނީ އެއް ރަށުން އަނެއް ރަށަށް ދޯންޏެއްގައި ދަތުރުކޮށް، އެ ބަލި ޖެހިފައިވާ މީހުން ދެނެގަނެ، އެ ފަރާތްތަކަށް ފަރުވާ ދިނުމުގެ އިތުރުން މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތް ކޮށްފަ،" މިނިސްޓަރ ވިދާޅުވިއެވެ.
އެ ޓީމް މިހާރުގެ އަމާޒަކީ ގައިން ގަޔަށް އަރާ ބައެއް ބަލިތައް ކަމަށްވާ، ލެޕްރެސި، މީސްލްސް އަދި ރުބެއްލާ ނައްތާލުން ކަމަށާއި، އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ފައިލޭރިއާ ރާއްޖެއިން ނައްތާލުމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޑަބްލިއު އެޗް އޯ އިން ދިން ސެޓިިފިކެޓް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމްއާ ހަވާލުކުރެެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރ ޕޫނަލް ކެޓްރަފާލް ސިންހް އެވެ.
މަދިރީގެ ސަބަބުން ފެތުރޭ ފައިލޭރިއާ ބަލި ރާއްޖޭގައި އެންމެ ފަހުން ރިޕޯޓު ކޮށްފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅު ފޮނަދޫއިންނެވެ. އޭގެ ފަހުން ރާއްޖެ އިން ފައިލޭރިއާ ނައްތާލެވިފައިވާކަން ޔަގީން ކުރުމުގެ މަސައްކަތް ބަލައި މޮނީޓަރު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމެއް 2011 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އަދި އެ ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ރާއްޖޭގެ ފައިލޭރިއާ ޕްރޮގްރާމްގެ ހުރިހާ ތަފާސް ހިސާބުތަކެއް ވަނީ 2015ގެ ކުރީކޮޅު އެ ޖަމްއިއްޔާ އަށް ހުށަހެޅި އެވެ.
ރާއްޖޭގެ އިތުރުން، ސްރީލަންކާއިން ވެސް ފައިލޭރިއާ ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ.