އިދިކޮޅު އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެޕާޓީން މާލޭގައި ބާއްވަން އުޅުނު ހިނގާލުން އޮތް ރޭ ރައްޔިތުންގެ މަޖިލީހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަގުމަތީގައި ހުންނަވަނިކޮށް ގަދަކަމުން ގޯޅިއަކަށް ވެއްދުމަށް ފުލުހުން މަސައްކަތް ކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ރޮޒައިނާ ހުށަހަޅުއްވައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސްއަށް ރޮޒައިނާ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޖުލައި 11 ވަނަ ދުވަހުގެ ރޭ ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސް އަޅައި، ބެރިކޭޑު ޖެހުމުގެ ސަބަބުން ކުރިޔަށް ނުދެވުމުގެ ސަބަބުން އޭނާ ހުންނެވީ މަޖީދީ މަގުގައި އެސަރަހައްދުގައި ހުންނަ އުރީދޫގެ އޮފީސް ކުރިމަތީގައި ޕޭވްމެންޓު މަތީގައި ކަމަށެވެ.

ރޮޒައިނާ ވިދަޅުވީ އެތަނުގައި އޭނާ ހުންނަވަނިކޮށް، އެތަނާ ޖެހިގެން ހުރި ގޯޅިއަށް [ބޮޑުފުންގަނޑު މަގަށް] އޭނާ ގަދަކަމުން ވެއްދުމަށް ފުލުހުން މަސައްކަތް ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމުގެ ތެރޭގައި ފުލުހުން އޭނާގެ "ގަޔަށް އަތްލައި، އަތުގައި ހިފައި ދަމާ، އަނިޔާވާ ގޮތަށް" މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެމައްސަލަ ބަލައި، އެކަން ކުރުމުގައި ބައިވެރިވި ފުލުހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ރޮޒައިނާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިވަޑައިގެންފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ރޮޒައިނާ އެސަރަހައްދުން ދުރު ކުރުމަށް ފުލުހުން މަސައްކަތް ކުރީ، އެސަރަހައްދުގައި މަޑުނުކޮށް ދިއުމަށް އެތައް ފަހަރަކު ފުލުހުން އަންގައި، ފުލުހުންގެ އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުން ކަމަށެވެ.

އެމްޑީޕީގެ އަހަރީ ދުވަހުގެ ހިނގާލުން ބޭއްވި ސަރަހައްދުގައި ރޮޒައިނާ ހުންނަވަނިކޮށް ފުލުހުން އޭނާ ކައިރީގައި ހަރަކާތްތެރިވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަދި އެރޭ އެއްވެސް ހާލަތެއްގައި ރޮޒައިނާގެ ގައިގައި ގަދަކަމުން އަތްލައި، އޭނާގެ ކަރާމާތަށް އުނިކަމެއް އަންނާނެ ގޮތަކަށް ފުލުހުން އަމަލުކޮށްފައި ނުވާނެ ކަމަށް އިސްމާއިލް "ސަން" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުޒާހަރާއެއް ނުވަތަ އެފަދަ ކަމެއް ކުރިޔަށް ދާ އިރު ފުލުހުން ބަންދުކުރާ ސަރަހައްދަކީ ސެކިއުރިޓީ ޒޯނަކަށް ވި ނަމަވެސް، އެތެރެއިންނާއި އެހެން ދިމަދިމާލުން އާންމުން ވަނުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

"ކުރީގެ އުރީދޫ ހެޑް އޮފީހުގައި އެތަނުގައި މަޑުކުރީމާ، އޭނާ ކައިރީގައި ބުނިން ތަކުރާރުކޮށް އެތަނުން ދާން. ރޮޒައިނާގެ ފިރިކަލުންވެސް އެތާގައި ހުންނެވި. މީޑިއާތައް ކުރިމަތީގައި އެކަން ހިނގީވެސް. ރޮޒޭނާ ގައިގައި ގަދަކަމުން އަތްލައިފައެއް ނުވާނެ. އޮންނަ އުސޫލުގެ ދަށުން ތަކުރާރުކޮށް ބުނެ މަޑުމަޑުން ދުރަށް ދާން ބުނީ. އަންހެން ފުލުހުން ރޮޒައިނާއާ އެޕްރޯޗު ކުރީވެސް. އޭނާގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެ،" ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މި ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ފުލުހަކު ކުރާ އަމުރަކަށް ތަބާވާން ޖެހެނީ "ތިމަންނާ ބުނީމައޭ" ބުނުމަކީ ދެވޭނެ ޖަވާބެއް ނޫން ކަމަށެވެ.

"އެއީކީ ޖަވާބެއް ނޫން. ގާނޫނީ ގޮތުން ހެދިފައި އޮތް ބޮޑު މިނިވަން މުއައްސަސާއެއް ރިޕްރެސެންޓު ކުރައްވާ ފުލުހަކު އާންމު ރައްޔިތުންނަށް ދެވޭނެ ޖަވާބެއް ނޫން ތިމަންނަ ބުނީމައޭ އަކީ.

"ކޮންމެ މީހަކުވެސް ބުނާހާ ކަމެއް އަނެއް މީހަކު ކުރާކަށް ނުޖެހޭ، ކުރަން ޖެހެނީ ކޮންމެވެސް ގޮތަކުން ކުރަންޖެހޭ ސިޗުއޭޝަނެއް އުފެދުނީމަ. ގާނޫނީ ގޮތުން ބާރެއް ލިބި، އެކަން ކުރުވޭނެ ގޮތެއް އޮވެގެން އަމުރެއް ކުރީމަ އެ އަމުރަކަށް ތަބާވާނީ،" ރޮޒައިނާ ވިދާޅުވި އެވެ.