19 Jul 2016, 15:38
"އޯޕަން ހައުސް މީޑިއާ ވީކް"ގެ ނަމުގައި މީޑިއާތަކާއި މީޑިއާގެ މުއައްސަސާތަކާއި ބައްދަލުކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އިއްޔެ ބައްދަލުކުރަން ނިންމައި މެމްބަރުން ދިއުމުން ބައްދަލު ނުކުރިކަމަށް ބްރޯޑްކޮމް އިން ބުނި ނަމަވެސް ބައްދަލުވުން ކުރިއަށް ދިޔަކަމަށް ޖުޑިޝަރީއިން ބުނެފި އެވެ.
މެމްބަރުން ދިއުމުން ވެސް ބައްދަލުނުރީ ކަމަށް ބުނެ ބްރޯޑްކޮމް އިން ވަނީ އެކަން ކުށްވެރިކޮށް ޖުޑިޝަލް އެޑް މިނިސްޓްރޭޝަނަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން އިއްޔެ ޖުޑިޝަލް އެޑްމިނިސްޓޭޝަނާ އެކު ބާއްވަން އުޅުނު ބައްދަލުވުމަށް ދިއުމުން ބައްދަލުނުކޮށް ފޮނުވާލީ ހައިސިއްޔަތު ދަށް މެމްބަރުން ކަމަށް ބުނެ އެވެ. އަދި އެގޮތަށް އެކަންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފަ އެވެ.
ބްރޯޑްކޮމްގެ ފަރާތުން އެ ބައްދަލުވުމަށް ވަޑައިގެންނެވީ އެ ކޮމިޝަނުގެ ނައިބު ރައީސާއި ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރު އަދި ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އެވެ. ބްރޯޑްކޮމްގެ ސިޓީގައި ބުނެފައި ވަނީ ޖުޑިޝަރީން އެ ބައްދަލުވުން ކެންސަލްކުރީ ބައެއް މެމްބަރުން ހާޒިރުނުވާތީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް ބައްދަލު ނުކުރެވޭނެ ކަމަށް ބުނެ ކަމަށެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރު ފައިސަލް އާދަމް ވިދާޅުވީ އިއްޔެ ބްރޯޑްކޮމް އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބައްދަލުވުން ބޭއްވި ކަމަށެވެ. ނަމަވެސް ހުރިހާ މެމްބަރުން ހާޒިރުނުވާތީ މަޝްވަރާކުރަން ބޭނުންވި ކަންކަމާ މަޝްވަރާ ނުކުރެވުނީ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ޕޮލިސީ ލެވެލްގެ ގިނަ ކަންތައްތަކެއް ނިންމުމަށް ތާވަލުކުރި ބައްދަލުވުމެއް އެއީ. ހުރިހާ މެމްބަރުން ނެތި އެކަންކަން ނުނިންމޭނެ. އެހެން ބައްދަލުވުން ކުރުކޮށްލަންޖެހުނީ،" ފައިސަލް ވިދާޅުވި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވީ އެވަގުތު ސުޕްރީމްކޯޓުގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ހާޒިރުވެ ހުންނެވުމުން ކަމަށާއި އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހުންނެވި ނަމަވެސް މެމްބަރުން ހާޒިރުނުވާތީ ބައްދަލުވުން ކާމިޔާބުކަމާ އެކު ކުރިއަށް ނުގެންދެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ބްރޯޑްކޮމްއިން ޖުޑިޝަރީއަށް ފޮނުވި ސިޓީ މީޑިއާގައި އާންމު ކުރުމުން އެފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފައިސަލް ވިދާޅުވީ ދެ މުއައްސަސާ ދޭތެރޭގައި ބަދަލުކުރާ ސިޓީއާއި ދެކެވޭ ވާހަކަތަކަކީ ސިއްރު ތަކެތި ކަމަށާއި އެގޮތަށް އާންމުކުރުމަކީ ރަނގަޅުކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ދެ މުއައްސަސާގެ މައްސަލަ ހައްލުވާނީ ދެފަރާތުން ވާހަކަދައްކައިގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.
ޖުޑީޝަރީން ކުރިއަށްގެންދާ އޯޕަން ހައުސް މީޑިއާ ވީކްގައި މާދަމާ ނޫސްވެރިންނާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ބައްދަލުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.