19 Jul 2016, 16:23
މުޅި ރާއްޖޭގައި ވެސް އެންމެ ކުޑަ އެކްސެސް ޑޭޓާ ޗާޖާ އެކު، އުރީދޫއިން އެކުންފުނީގެ ޕޯސްޓްޕެއިޑް ޕްލެޓިނަމް ޕެކޭޖު ތައާރަފު ކޮށްފި އެވެ.
އުރީދޫން މުޅިން އަލަށް ތައާރަފު ކުރި މި ޕެކޭޖު ނެގުމުން އުރީދޫ ނަމްބަރުތަކަށް އެއްވެސް ލިމިޓެއް ނެތި ހިލޭ ކޯލްތައް ކުރެވޭނެ އެވެ. އަދި ހިލޭ ކޯލް ކުރެވޭ ފަސް ނަމްބަރެއް އަދި ޚާއްސަ ޑިސްކައުންޓެއްގެ ދަށުން ގުޅޭ ދެ ނަމްބަރެއް އިޚްތިޔާރު ކުރެވޭ އިރު، ރާއްޖޭގެ އެހެން ނެޓްވޯތަކުގެ ނަމްބަރުތަކަށް ގުޅުމަށް 1،500 ހިލޭ މިނިޓު ލިބޭނެ އެވެ.
އުރީދޫން މައުލޫމާތު ދޭ ގޮތުގައި މި ޕެކޭޖުގެ ދަށުން އުރީދޫ އަދި އެހެން ނެޓްވޯކުތަކުގެ ނަމްބަރުތަކަށް ހިލޭ 2،000 އެސްއެމްއެސް ކުރެވޭނެ އެވެ. އަދި ރާއްޖެ އިން ބޭރުގެ ދެ ގައުމަކަށް ގުޅުމަށް އައިޑީޑީ ޚިދުމަތުން 50 ޕަސަންޓުގެ ޑިސްކައުންޓް ވެސް ޕެކޭޖުން ލިބެ އެވެ.
މި ޕެކޭޖުގެ އެންމެ ޚާއްސަ ކަމަކީ އޭގެ ޑޭޓާ އެލަވަންސެވެ. ޕެކޭޖާ އެކު 15 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބޭ އިރު، އެ އެލަވަންސް ހުސްވުމަށް ފަހު ބޭނުންކުރާ ކޮންމެ އެމްބީއަކަށް ޗާޖު ކުރާނީ އެންމެ 10 ލާރި އެވެ. މިއީ ރާއްޖޭގައި އެންމެ ކުޑަ އެކްސެސް ޑޭޓާ ޗާޖެވެ.
މި ޕެކޭޖުގެ އަގަކީ 999 ރުފިޔާ އެވެ.
މި ޕެކޭޖަށް ސަބްސްކްރައިބު ކުރާ ކޮންމެ ކަސްޓަމަރަކަށް އުރީދޫގެ ކްލަބް ޕްރީމިއާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ލިބެ އެވެ.
ކްލަބް ޕްރީމިއާގެ މެމްބަރުންނަށް، އާންމު ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތަކަށް ވުރެ ޚާއްސަ ޚިދުމަތްތަކެއް އުރީދޫއިން ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ 120 ގައުމެއްގެ 400 ސިޓީއެއްގެ އެއާޕޯޓުތަކުގެ ބިޒްނަސް ލައުންޖަށް ވަނުމަށް ޕްރަޔޯރިޓީ ޕާސް ލިބުމާއި ރާއްޖޭގައި ހުރި އުރީދޫގެ ޕާޓްނަރު ފިހާރަތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބުން ހިމެނެ އެވެ.
އަދި އޭގެ އިތުރުން އުރީދޫގެ ކަސްޓަމާ ސާވިސް ޚިދުމަތްދޭ 929 އިން ކިއުގައި ގިނައިރު މަޑުކުރަން ނުޖެހުމާއި ކްލަބް ޕްރީމިއާ މެމްބަރުންނަށް ޚާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބުމާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ވީއައިޕީ ޚިދުމަތް ލިބުން ވެސް، އެ މެމްބަރުންނަށް ލިބޭ ޚާއްސަ އިނާޔަތްތަކުގެ ތެރޭގައި ހިމެނެ އެވެ.