19 Jul 2016, 16:17
އިދިކޮޅު އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އަޅާކަމަށް ބުނެ އެ ޕާޓީ އިން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވަކިވަކި ފުލުހުންގެ ބައެއް މައްސަލަތައް ހުށަހަޅައިފި އެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު ވިދާޅުވީ އިއްޔެ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި ވަނީ ވަކިވަކި ފުލުހުންގެ ތަފާތު ހަތަރު މައްސަލައެއް ކަމަށެވެ.
އެ ހަތަރު މައްސަލައަކީ، އެމްޑީޕީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޖުލައި 11 ވަނަ ދުވަހުގެ ރޭ އެ ޕާޓީން ބާއްވަން އުޅުނު ހިނގާލުމަށް ވަޑައިގަންނަވަނިކޮށް އެޕާޓީގެ ނައިބު ރައީސް މުހައްމަދު ަ މައްސަލައާއި މަޖީދީމަގުގައި އެމްޑީޕީގެ ޕީޖީގެ ނައިބު ލީޑަރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުންނަވަނިކޮށް ފުލުހުން އޭނާ އެސަރަހައްދުގައި ހުރި ގޯޅިއަކަށް ގަދަކަމުން ވައްދަން އުޅުނު ކަމަށް ބުނާ މައްސަލައަކާއި ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދަށް ފަހު އެމްޑީޕީ އިން އިސްނަގައިގެން އިސްލާމީ މަރުކަޒުގެ ބޭރުގައި ކުރާ ދުއާއަށް ފުލުހުން ހުރަސްއަޅާ މައްސަލައަކާއި އަދި ޖުލައި އަށް ވަނަ ދުވަހު ހުކުރު ނަމާދަށް ފަހު ދުއާ ކުރި މީހުންނަށް ފުލުހުން ހުރަސް އަޅައި އެމީހުންގެ "ގަޔަށް އަތްލައި" ކޮށްޕައިވާ ބާރުގެ ބޭނުންކޮށް ޖަހި ކަމަށް ބުނާ މައްސަލައެކެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ނުކުރެވޭނެ ކަމަށާއި ޣައިރު ގާނޫނީ އަމުރަކަށް ފުލުހުން ތަބާވެގެން ވެސް ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނުގައިވާ ގޮތުން ވެސް އެފަދަ ކަމެއް ފުލުހުންނަށް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ ގިނަ ފުލުހުންނަކީ ގާނޫނު އަސާސީއާއި ފުލުހުންގެ ގާނޫނުގައި އޮތް އެއްޗެއް ދަންނަ ބައެއް ނޫން ކަމަށާއި، އެމީހުން ތަންފީޒު ކުރަނީ އެމީހުންގެ ވެރީން ކޮށްލާހާ އަމުރެއް ކަމަށެވެ.
"އަމުރު ކުރީމާ އަނެއް ފަރާތުން ކުރާ ސުވާލަކަށް އެބޭފުޅުންނަށް ޖަވާބެއް ނުދެވޭ. އެންމެ ކުޑަމިނުން މިދިޔަ ހިނގާލުމާ ގުޅިގެން އަޅުގަނޑުމެންނާ އެންމެ އިސްކޮށް ބައްދަލުކުރި ބޭފުޅާއަށް ވެސް ގާނޫނުގައި އޮތީ ކީކޭހޭ އެހީމަ [އޭނާ] ބުނީ މިވެނި ތަނެއްގައި އޮންނާނެއޭ، ގެއަށް ގޮސް ބަލާލާށޭ. އެކަމަކު އާންމު ފަރުދަކަށް ފުލުހަކު އަމުރުކުރާ އިރު ތިމަންނާ މި އަމުރުކުރަނީ ކޮން ގާނޫނެއްގެ ކޮން ގަވައިދެއްގެ ދަށުންތޯ އެނގެން އެބަ ޖެހޭ. ސުވާލު ކުރީމަ ޖަވާބު ދެވެން ޖެހޭ،"
"ފުލުހުންގެ މުއައްސަސާ ދެމިއޮންނާނެ. އެތަނަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިޔައިމާ އެއީ ގައުމީ ގޮތުން އެންމެން ޒިންމާ ނަގަންޖެހޭ ގެއްލުމެއް. މުޅި މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ގެއްލުނީމާ އެ އިތުބާރު ހޯދާކަށް ފަސޭހައެއް ނުވޭ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މައްސަލަތައް ފައިލް ކުރުމުން ކޮންމެވެސް ދުވަހަކުން އެކަންކަން ބަލައި، އިންސާފު ލިބޭނެ ކަމަށެވެ.