19 Jul 2016, 14:56
ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި އުދައެރުމުގެ ހާދިސާތައް މިއަދު ހިނގަމުންދަނީ ހުވަދޫ ކަނޑުގެ ބާނިތައް މިދުވަސްވަރު ބޮޑުވުމުން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
ހުވަދު އަތޮޅުން ގދ. ވާދޫ އަދި ގދ. ގައްދުއަށް އުދައަރާކަމުގެ މައުލޫމާތު 'ސަން' އަށް ވަނީ ލިބިފަ އެވެ. ވާދޫ ކައުންސިލުގެ ރައީސް އަހުމަދު އަބްދުލް ކަރީމް 'ސަން' އަށް ވިދާޅުވީ މިއަދު ދިޔަ ބޮޑުވި ގަޑީގައި ވާދޫގެ މީހުން އުޅޭ ސަރަހައްދުން 150 ފޫޓު އެއްގަމަށް އުދަ އަރާފައިވާ ކަމަށެވެ.
ވާދޫގައި ބައެއް ގޭގެ ކައިރީ އަދި މަގުމަތީގައި ވެސް ލޮނުގަނޑޫ ބޮޑޫވެފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ގެއަކަށް ލޮނު ނުވަންނަ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވާދޫއަށް އުދައަރަނީ: މެޓުން ބުނަނީ އުދައަރަނީ ހުވަދޫ ކަނޑުގެ ބާނިތައް ބޮޑުވެގެން ކަމަށް --- ފޮޓޯ/ކިޔުންތެރިއެއް
"ވާދޫއަކީ އާންމުކޮށް އުދައަރާ މޫސުމަށް ވެސް އުދައަރާ ރަށެއް ނޫން. އެހެންނަމަވެސް މިއދު އުދަ އަރަމުން މިދަނީ. އަޅުގަނޑުމެން މިދަނީ މިކަމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައިގެން މިރޭ ދިޔަ ބޮޑުވާ ގަޑީގައި އުދަ އަރާފާނެ ކަމަށް ބަލައި އެކަމަށް ތައްޔާރު ވަމުން،" ވާދޫ ކައުންސިލުގެ ރައީސް އަހުމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ.
ގައްދޫއަށް ވެސް އުދައަރަމުންދާކަން އެ ރަށު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝުޖާއު ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ޝުޖާއު ވިދާޅުވީ މީގެ ކުރިން އުދަ ނާރާހާ ބޮޑުކޮށް ގައްދުއަށް އުދައަރަމުންދާ ކަމަށެވެ.
ގައުދޫގައި މީހުން ދިރިއުޅޭ ސަރަހައްދުން 2000 މީޓަރަށް އުދައަރައި މީހުން ދިރިއުޅޭ ގޭގެއަށް ވެސް ލޮނުވަދެފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ގައްދޫއަށް އުދައަރަނީ: މެޓުން ބުނަނީ އުދައަރަނީ ހުވަދޫ ކަނޑުގެ ބާނިތައް ބޮޑުވެގެން ކަމަށް --- ފޮޓޯ/ކިޔުންތެރިއެއް
"މިހާރު އަޅުގަނޑުމެން މިދަނީ ޗައިނާ ފްލެޓްގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި އެމްޓީޓީސީގެ އެހީގައި އެކްސްކެވޭޓަރު ބޭނުންކޮށްގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން. މިއީ މީގެ ކުރިން ގައްދޫއަށް އުދައެރިވަރެއް ނޫން،" ޝޫޖާއު ވިދާޅުވި އެވެ.
މެޓް އޮފީހުން ބުނަނީ ހުޅަނގު މޫސުމާ ދިމާކޮށް އާންމުކޮށް ވެސް ރަށްރަށް އުދަ އަރަމުންދާ ކަމަށެވެ. އަދު ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށް އުދައަރަނީ ހުވަދޫ ކަނޑުގެ ބާނިތައް ބޮޑުވެގެން ކަމަށް ވެސް މެޓުންވަނީ ބުނެފަ އެވެ.