23 May 2011, 16:14
ހުޅުމާލޭ ކޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސް ވިލިމާލޭގައި ކޯޓެއް ގާއިމް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ އިން ނިންމުމާ ގުޅިގެން އެ ކޮމިޝަނާ ދެކޮޅަށް ދެ ވަކީލަކު ކުރައްވާ ދައުވާގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް އިއްޔެ އަންގައިފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ސުޕްރީމް ކޯޓުން އިއްޔެ ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ކޯޓުން އެ މައްސަލައިގައި ވަކި ގޮތަކަށް އަންގަންދެން އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމަށެވެ. އަދި އެ މައްސަލަ ފަސް ކުރުމަށް ވެސް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުން އެދުނު ގޮތަށް އަޅުގަނޑުމެން ކަންތައް ކުރާނަން. އެ މައްސަލައިގައި ދެން އެއްވެސް ފިޔަވަޅެއް އަޅާނީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އެންގުމުން،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ޖޭއެސްސީއާ ދެކޮޅަށް ދައުވާ އުފުއްލަވާފައި ވަނީ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމާއި އަނަސް އަބްދުއްސައްތާރެވެ. އެ ދެ ބޭފުޅުން ކުރައްވާ ދައުވާގައި ބުނެފައި ވަނީ މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމްކޮށްފައި އޮއްވާ މާލޭގެ ދެ އަވަށް ކަމަށްވާ ހުޅުމާލެ އާއި ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓު ގާއިމް ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.
ހުޅުމާލޭ ކޯޓު މައްސަލައިގައި ސިވިލް ކޯޓުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަންގާފައި މި ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ޖޭއެސްސީން ބުނެފައި ވަނިކޮށް، މައްސަލައިގައި ޖަވާބުދާރީވުމަށް ސިވިލް ކޯޓުން އަންގާފައި ވަނިކޮށެވެ.