ރައްޔިތުންގެ މަޖިލީހުގެ ގެލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެ ވަނަ ދައުވާގެ އަޑުއެހުންތައް ނިންމާލައި ވަރަށް އަވަހަށް ހުކުމް އިއްވާނެ ކަމަށް ގާޒީ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކޮށްގެން މަހުލޫފުގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އިއްޔެ ވަނީ އޭނާ ހަތަރު މަހަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު ވަރަށް އަވަހަށް ހުކުމް އިއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މަހުލޫފު މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ 9:30 އިން ފެށިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ބަޔަކު މުޒާހަރާ ކުރަމުންދަނިކޮށް ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއީލް ދީދީ ގޯޅި ބެރިކޭޑު ޖަހައި ބަންދުކޮށްފައި ވަނިކޮށް މަހުލޫފް ބެރިކޭޑުތައް ކޮއްޕައި ދުރަށް ޖެއްސުމަށް ފަހު ގަދަކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމަށް ބުނެ އެވެ.

މި މައްސަލާގައި ކޯޓުން އިއްޔެ ވަނީ ދިފާއުގައި މަހުލޫފުގެ ފަރާތުން ހުށަހެޅި ހެކިބަސް ނަގަން ޖެހޭ ކަމަށް ފެނިވަޑައި ނުގަންނަވާތީ އެ ހެކިންގެ ހެކިބަސް ނުނަގަން ނިންމާފަ އެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިން އެއް ފުލުހަކު ވަނީ ދައުވާގައި ބުނެފައިވާ ގޮތަށް މަހުލޫފް ބެރިކޭޑު ފަޅާލި މަންޒަރު

އަދި އިތުރު ދެ ފުލުހަކު ވަނީ މަހުލޫފް ބެރިކޭޑު ފަޅާލި މަންޒަރު ފެނުނު ކަމަށް ޓޯކީ މެދުވެރިކޮށް އެ ފުލުސް މީހާ ބުނި އަޑު އިވުނު ކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

މިއަދުގެ އަޑުއެހުމަށް މަހުލޫފު ހާޒިރުކޮށްފައިވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ބިޑިއަޅުވައިގެންނެވެ. މަހުލޫފު ކޯޓަށް ހާޒިރުކުރިއިރު ކަރެކްޝަންސްގެ ގިނަ އަދަދެއްގެ އޮފިޝަލުންނާއި އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަން ހަރަކާތްތެރިވެފަ އެވެ.