19 Jul 2016, 13:40
ވާޒްބާގް (ޖުލައި 19): ޖަރުމަނުގެ ވާޒްބާގްގައި އަފްގާނިސްތާނުގެ ރެފިއުޖީ ކުއްޖަކު ކޯރާޑިއަކާއި ވަޅިއެއް ބޭނުންކޮށްގެން ރޭލެއްގެ ފަސިންޖަރުންނަށް ހަމަލާ ދީފި އެވެ.
ފުލުހުން ވަނީ 17 އަހަރުގެ އެ ކުއްޖާ ފިލަން މަސައްކަތް ކުރުމުން އޭނާ ގަޔަށް ބަޑި ޖަހާ މަރާލާފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ދިން ހަމަލާގައި ފަސް މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ސީރިއަސް ހާލަތުގަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެ ކުއްޖާ އަފްގާނިސްތާނުން ޖަރުމަނަށް ގޮސްފައި ވަނީ މީގެ ދެ އަހަރު ކުރިން ބެލެނިވެރިޔަކާ ނުލަ އެވެ. އަދި ހަމަލާ ދިނުމުގެ ދެ ހަފްތާ ކުރިން ޖަރުމަނުގެ ސަރުކާރުން ވަނީ އެ ކުއްޖާ ރެފިއުޖީންގެ ހިޔާއަކުން އާއިލާއެއްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ.
ވާޒްބާގް ނިސްބަތްވާ ސްޓޭޓުގެ އިންޓީރިއާ މިނިސްޓަރު ވަނީ ހަމަލާދިން ކުއްޖާގެ ކޮޓަރިން އިސްލާމިކް ސްޓޭޓު (އައިއެސް)ގެ ދިދައެއް ފެނިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭނާއަކީ އައިއެސްގެ މެމްބަރެއްކަން އަދި ޔަގީން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. (ބީބީސީ)