ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވެފައިވަނިކޮށް އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީގެ އޮފީހުން ކައުންސިލް މެމްބަރުންނަށް ފޮނުވާފައިވާ މެސެޖެއްގައި ބުނެފައި ވަނީ މިރޭ 9:00 ޖަހާއިރު އެ ޕާޓިގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް މެމްބަރަކު މިއަދު ސަން އަށް ވިދާޅުވީ އެބައްދަލުވުން މިރޭ ބާއްވާ ކަމަށާއި ނަމަވެސް ބާއްވާ ސަބަބެއް ނުވަތަ ބައްދަލުވުމުގެ އެޖެންޑާއެއް އަދި ހާމަ ނުކުރާ ކަމަށެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހުއްދަ ނެތި ޕީޕީއެމްގެ ކޮމެޓީތައް ނުބޭއްވުމަށް އެންގެވި އެންގުން މައުމޫން އަނބުރާ މިހާރު ވަނީ އަނބުރާ ގެންދަވާފައެވެ.

މައުމޫންގެ ހުއްދަ ނެތި ކޮމެޓީތައް ނުބޭއްވުމަށް ކުރިން އެންގެވުމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވަނީ ޕާޓީގެ ކައުންސިލްގެ ނިންމުމެއް ނެތި އެފަދަ އެންގުމެއް މައުމޫނަށް ނޭންގޭނެ ކަމަށް ވިދާޅުވި އެވެ.

މައުމޫންގެ ހުއްދަ ނެތި ކޮމެޓީތައް ނުބޭއްވުމަށް އަންގަވާފައި ވަނިކޮށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން ފާސްކޮށްފަ އެވެ. އަދި އެ ނިންމުން ތަންފީޒުކޮށްދިނުމަށް ޕީޕީއެމްގެ ކައުންސިލަށް އެ ކޮމެޓީން ވަނީ ފޮނުވާފަ އެވެ.