19 Jul 2016, 13:22
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޖޭ ރިސޯޓްސްގެ ކުޑަރަށް ރިސޯޓު ހިންގަމުން އައި ރަށް އދ. ކުޑަރަށް ސްރީލަންކާގެ ކުންފުންޏަކަށް 23 މިލިޔަން ޑޮލަރަށް ވިއްކާލައިފި އެވެ.
ސްރީލަންކާގެ ނޫސް ލަންކާ ބިޒްނަސް އޮންލައިނުގައި ބުނެފައި ވަނީ، ސްރީލަންކާގެ ޕަބްލިކް ލިމިޓެޑް ކޮމްޕެނީއެއް ކަމުގައިވާ ހޭލީސް ގްރޫޕުގެ ސަބްސިޑަރީ ކުންފުނި "ލަގްޒަރީ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް"އިން ކުޑަރަށް 23 މިލިޔަން ޑޮލަރަށް ގަނެފައިވާ ކަމަށެވެ. އެއީ 364.6 މިލިޔަން ރުފިޔާ އެވެ.
ހޭލީސް ގްރޫޕުން ބުނީ، ކުޑަރަށް ހުޅުވާނީ އެކުންފުނީގެ "އަމާޔާ ލޭޝާ"ގެ މެނޭޖުމެންޓުގެ ދަށުން، "އަމާޔާ ކުޑަރަށް ރިސޯޓް"ގެ ނަމުން ކަމަށެވެ.
ކުޑަރަށް ރިސޯޓު ލަންކާގެ ކުންފުންޏަށް ވިއްކާލި ޖޭ ރިސޯޓްސްގެ ވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޖޭ ރިސޯޓްސްގެ ކުންފުންޏެއް ވިއްކާލައިގެން ދައުލަތަށް 80 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާނެ ކަމަށެވެ.

އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި --- ފައިލް ފޮޓޯ
ޖާބިރު ޕީއެސްއެމްއަށް ވިދާޅުވީ ރިސޯޓު ވިއްކާލުމުގެ ފުރުސަތު ލިބުނީ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ކަމަށެވެ. އެ ބުނެފައި ވަނީ އާންމުކޮށް އިއުލާނު ނުކޮށް ރަށްރަށާއި ފަޅުތައް ވިއްކާލެވޭނެ ކަމަށެވެ.
ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު މިހާރު ދަސްދީގު ކޮށްފައިވާ އިރު، އޭގައި ބުނެފައި ވަނީ ސަރުކާރާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 99 އަހަރަށް އެ ރަށެއް ކުއްޔަށް ދެވިދާނެ ކަމަށެވެ. އަދި ރަށް ދޫކުރެވޭނީ ޓޫރިޒަމް މިނިސްޓްރީ އިން ކަނޑައަޅާ އާންމު ކުރާ އެކުއިޒިޝަން ފީ އެއްފަހަރާ ދެއްކުމާއި އެ މަޝްރޫއަށް ފަންނީ ގޮތުންނާއި މާލީ ގޮތުން ގާބިލު ފަރާތަކަށް، ރަށް ގަންނަ ފަރާތް ވާ ނަމަ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ކުޑަރަށަކީ ޔޮޓް ޓުއާސް ކުންފުނިން 1988 ވަނަ އަހަރު ކުއްޔަށް ހިފައި، "ޖޭ ރިސޯޓް ކުޑަ ރަށް"ގެ ނަމުގައި އެ ރަށުގައި ރިސޯޓެއް ހިންގަމުން އައި އިރު އެ ރިސޯޓު ވިއްކާލަން ޖޭ ރިސޯޓްސްއިން އެދިފައި ވާތީ، ޓޫރިޒަމް މިނިސްޓްރީން 19 މެއި 2016 ގައި ވަނީ އިއުލާނެއް ކޮށްފަ އެވެ.
ކުޑަރަށް ހިންގަމުން އައި ޖޭ ރިސޯޓްސްގެ ވެރިޔާ ޖާބިރު މިދިޔަ އަހަރު ވަނީ ކުޑަރަށް ވިއްކާލާނެ ކަން ހާމަ ކުރައްވައިފަ އެވެ. އަދި އޭނާ ދެން ރިސޯޓު ނުހިންގަވާނެ ކަމަށާއި ވިސްނުން ހުރީ ރިސޯޓު ތަރައްގީ ކުރުމަށް ފަހު ހިންގުމަށް އެހެން ފަރާތްތަކާ ހަވާލު ކުރަން ކަމަށް ޖާބިރު ވިދާޅުވެފައި ވެ އެވެ.