19 Jul 2016, 13:05
ނަރުސްކަމުގެ ދާއިރާއިން ދެ ކޯހެއްގައި ހިލޭ ކިޔެވޭ 500 ފުރުސަތަށް ކުރިމަތިލުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން (ޓިވެޓް) އޮތޯރިޓީން މިއަދު ހުޅުވާލައިފި އެވެ.
އެ އޮތޯރިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ހިންގަން ހަމަޖެހިފައިވާ 500 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލާ ކަމަށާއި، މި ކޯހަށް ހޮވާ ދަރިވަރުންނަކީ ސްޕޮންސާކޮށްފައިވާ ދަރިވަރުންނަށް ވާނެތީ ކޯހުގެ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ހޮސްޕިޓަލުތަކުގެ އިތުރުން ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކަށް ވެސް ފޮނުވޭނެ ކަމަށެވެ.
އެމްއެންޔޫގެ ނަރުސްކަން ކިޔަވާ ދަރިވަރުންތަކެއް: -- ސަން ފޮޓޯ
ޓިވެޓުން ހުޅުވާލާފައި ވަނީ ދެ ކޯހަކަށް ކުރިމަތިލުމަށެވެ. އެއީ ނަރުސްކަމުގެ ސެޓްފިކެޓް ހަތަރެއްގެ ކޯހަކާއި ނަރުސް ކަމުގެ ޑިޕްލޮމާ ކޯހެވެ. ސެޓްފިކެޓް ހަތަރެއް ކޯހަކީ 12 މަސް ދުވަހަށް ކުރިޔަށްދާ ކޯހެކެވެ. މި ކޯހަށް ކުރިމަތިލެވޭނީ ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވާ ފަރާތްތަކަށެވެ. ތިން އަހަރު ދުވަހަށް ދިގު ދެމިގެންދާ ނަރުސްކަމުގެ ޑިޕްލޮމާ ކޯހަށް ކުރިމަތިލެވޭނީ ސާނަވީ އިމްތިޙާނަކުން ސައިންސް ސްޓްރީމުގައި ކިޔަވައި ތިން މާއްދާއިން ސީ ގްރޭޑު ލިބި، އަދި ނަރުސްކަމުގެ ސެޓްފިކެޓް ހަތަރެއް ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
ޓިވެޓުން ކުރިއިއުލާނުގައިބުނީ، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އޯގަސްޓް ހަތްވަނަ ދުވަހުގެ ކުރިން ޣާޒީ ބިލްޑިންގްގައި ހުންނަ ޓިވެޓު އޮތޯރިޓީގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ކަމަށެވެ.
މި ކޯސްތައް ފުރިހަމަ ކުރާ ފަރާތްތަކަށް ލިބޭނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސަނަދު ކަމަށް ޓިވެޓުން ބުނެ އެވެ.