19 Jul 2016, 11:15
ދިވެހިރާއްޖެ އިން ފައިލޭރިއާ ނުވަތަ ފައިފަލަ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކޭޓް ރާއްޖެއާ މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖެއާއި ސްރީލަންކާއިން ފައިލޭރިއާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިއުލާނުކޮށްފައި ވަނީ ނިމިދިޔަ އެވެ.
މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިޔަށް ދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި، "މޯލްޑިވްސް ހޭސް އެލިމިނޭޓަޑް ލިމްފެޓިކް ފައިލޭރިއޭސިސް އޭސް އަ ޕަބްލިކް ހެލްތް ޕްރޮބްލަމް" ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުން ދިވެހިރާއްޖެ އަށް ވަނީ ހަވާލު ކޮށްފަ އެވެ.
މި ލިޔުން ނުވަތަ ސެޓްފިކެޓް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއާ ހަވާލު ކުރެއްވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަލް ކެޓްރަޕާލް ސިންހް އެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ މިއަދު ރާއްޖެއަށް ދިން ސެޓްފިކޭޝަން ދެވުނީ، ރާއްޖޭގެ އާބާދީގައި ފައިލޭރިއާ ހުންނަ މިންވަރު އެއް ޕަސަންޓަށް ވުރެ ދަށް ކުރެވުމުންނެވެ.
މަދިރީގެ ސަބަބުން ފެތުރޭ ފައިލޭރިއާ ބަލި ރާއްޖޭގައި އެންމެ ފަހުން ރިޕޯޓު ކޮށްފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅު ފޮނަދޫއިންނެވެ. އޭގެ ފަހުން ރާއްޖެ އިން ފައިލޭރިއާ ނައްތާލެވިފައިވާކަން ޔަގީން ކުރުމުގެ މަސައްކަތް ބަލައި މޮނީޓަރު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޓީމެއް 2011 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެވެ. އަދި އެ ޖަމިއްޔާ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް، ރާއްޖޭގެ ފައިލޭރިއާ ޕްރޮގްރާމްގެ ހުރިހާ ތަފާސްހިސާބުތަކެއް ވަނީ 2015ގެ ކުރީކޮޅު އެ ޖަމްއިއްޔާ އަށް ހުށަހެޅި އެވެ.
ރާއްޖޭގެ އިތުރުން، ސްރީލަންކާއިން ވެސް ފައިލޭރިއާ ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފަ އެވެ.