19 Jul 2016, 11:01
ރާއްޖެ އިން ފައިލޭރިއާ ބަލި ނައްތާލެވިފައިވާކަން ރަސްމީކޮށް ކަނޑައެޅިފައި އޮތް ނަމަވެސް، އެ ބަލި ހުރިތޯ ބެލުމަށް ބިދޭސީންނާއި ކުޑަކުދިންގެ ހަށިގަނޑުން ލޭ ނަގައި، ތަހުލީލު ކުރަމުން ދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެއާއި ސްރީލަންކާ އިން ފައިލޭރިއާ ބަލި އެއްކޮށް ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރަސްމީކޮށް މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އިން ފައިލޭރިއާ ބަލި ނައްތާލެވުނު ކަމުގެ ސެޓިފިކޭޝަން ލިބުނު ނަމަވެސް، މި ބަލި އަލުން ތައާރަފުވެ ދިޔަ ނުދިނުމަށް ޓަކަށާއި، ފައިލޭރިއާގެ ސަބަބުން އައިބުވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އިން ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތުން، އުމުރުން ހަ އަހަރާއި އަށް އަހަރާ ދެމެދުގެ ކުޑަކުދިންނާއި ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންގެ ގައިން ލޭ ނަގައި، ފައިލޭރިއާ ބަލި ހުރިތޯ ބަލައި ތަހުލީލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. މިނިސްޓްރީން ބުނީ މީގެ ކުރިން ވެސް ކޮންމެ އަހަރަކު ބިދޭސީން ފައިލޭރިއާ އަށް ޓެސްޓު ކުރެވެމުން ދިޔަ ކަމަށެވެ.
އޭގެ އިތުރުން ފައިލޭރިއާ ބަލި ޖެހި، ރަނގަޅުވެފައި ތިބި މީހުން ފައިގެ ކަސްރަތު ކުރާނެ ގޮތާއި ފައި ސާފުކޮށް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ކަންކަން ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އަދި ފައިލޭރިއާގެ ސަބަބުން މައްސަލަތައް ތަހައްމަލުކުރާ ފަރާތްތަކަށް ފަރުވާ ދިނުމާ ގުޅޭ ގޮތުން އިތުރު ތަމްރީނުތަކުގައި ރާއްޖޭގެ ސިއްހީ ދާއިރާ އިން ބައިވެރިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ގައިން ގަޔަށް އަރާ ބަލިތަކުން ރައްޔިތުން ރައްކާތެރިކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.