19 Jul 2016, 10:15
ސޯލް (ޖުލައި 19): އުތުރު ކޮރެއާއިން އަނެއްކާ ވެސް ތިން ބެލިސްޓިކް މިސައިލް ލޯންޗު ކޮށްފި ކަމަށް އެމެރިކާއާއި ދެކުނު ކޮރެއާ އިން ބުނެފި އެވެ.
ދެކުނު ކޮރެއާ އިން ބުނި ގޮތުގައި އުތުރު ކޮރެއާއިން މިސައިލްތައް ލޯންޗުކޮށްފައި ވަނީ އެ ގައުމުގެ ހުޅަނގުގައި އޮންނަ ހުވަންގްޖޫ ސިޓީ އިން ޖަޕާން ކަނޑަށެވެ. އޭގެ ތެރެއިން ފުރަތަމަ ދެ މިސައިލަކީ ކުޑަ ރާސްތާ މިސައިލްތައް ކަމަށާއި ތިން ވަނަ މިސައިލަކީ މެދު ރާސްތާ މިސައިލެއް ކަމަށް އެމެރިކާ އިން ލަފާ ކުރެ އެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން އެމިސައިލްތައް ވަނީ 500 ކިލޯމީޓަރައި 600 ކިލޯމީޓަރާ ދެމެދުގެ ރާސްތާއަކަށް ދަތުރުކޮށްފަ އެވެ. އަދި އެއީ މުޅި ދެކުނު ކޮރެއާއަށް ހަމަލާ ދެވޭނެ ރާސްތާއެއް ކަމަށް އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ.
އެމެރިކާ އިން ވަނީ އެމިސައިލްތައް ޓްރެކްކޮށްފައިވާ ކަމަށާއި އޭގެއިން އެއްވެސް ގެއްލުމެއް ނުވާނެ ކަން ޔަގީންކޮށްފައިވާ ކަމަށް އެމެރިކާގެ ސްޓްރެޓީޖިކް ކޮމާންޑުން ވަނީ ބުނެފަ އެވެ.
އުތުރު ކޮރެއާ އިން އަނެއްކާ ވެސް މިސައިލް ޓެސްޓުކޮށްފައި ވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ އިން އެންޓި މިސައިލް ސިސްޓަމެއް ދެކުނު ކޮރެއާގައި ގާއިމު ކުރަން މިމަހުގެ ތެރޭގައި އެއްބަސްވެފައި ވަނިކޮށެވެ.
އެއެއްބަސްވުމާ ގުޅިގެން އުތުރު ކޮރެއާ އިން ވަނީ އޭގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ޗައިނާއިން ވެސް ވަނީ އެމެރިކާ އާއި ދެކުނު ކޮރެއާގެ ނިންމުމުގެ ސަބަބުން އެ ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ ކަމަށް ބުނެ ދެގައުމުގެ ނިންމުމަށް ފާޑުކިޔާފަ އެވެ. (ބީބީސީ)