މިދިޔަ އޭޕްރީލްމަހުގެ ކުރީކޮޅު ޖަޕާނަށް އައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީ ބޮޑުރާޅުތަކުގެ ކާރިޘާއަށްފަހު ޖަޕާނުގެ ރައްޔިތުންގެ މެދުގައި ކައިވެނީގެ ރޫޙު ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެއެވެ.

ބިންހެލުމާއި ސުނާމީގެ ކާރިޘާއަށްފަހު ޖަޕާނުގެ ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭން އެންމެ ބޮޑަށް ފާހަގަކުރެވެނީ ޒުވާނުން ކައިވެންޏާ ކުރިމަތިލާމިންވަރު އާދަޔާ ޚިލާފަށް އިތުރުވުމާއި ޖިންސީ ނަހަމަ ގުޅުންތަކުގެ ބަދަލުގައި ކައިވެނީގެ ރަސްމީ ގުޅުންތަކަށް ދެޖިންސުގެ ޒުވާނުން މިސްރާބުޖަހަމުންދާ މަންޒަރު ކަމަށް އެމެރިކާގެ ޓައިމް މަޖައްލާ ބުނެއެވެ.

ޓޯކިޔޯގެ ގަހަނާވިއްކާ ފިހާރަތަކާ ޙަވާލާދީ ޓައިމް މަޖައްލާ ހާމަކުރާގޮތުގައި، އެންގޭޖްމެންޓްގެ އަގޮޓިއާއި ކައިވެނީގެ އަގޮޓި ވިކޭނިސްބަތް ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވަނީ ކުރިޔަށްވުރެ އެތަށް ގުނައެއް އިތުރުވެފައެވެ. ކައިވެނީގެ ހެދުން (ވެޑިންގޑްރެސް) ވިއްކާ ފަރާތްތަކުންނާއި ފަރުމާކުރާ ފަރާތްތަކުންވެސް ވަނީ މިދުވަސްވަރު ކައިވެނީގެ ހެދުންތައް ވިކޭ މިންވަރު އެތަށް ގުނައެއް މައްޗަށް ގޮސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

ޖަޕާނާބެހޭގޮތުން، ޓައިމް މަޖައްލާގައި ޝާޢިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުން ޓޯކިޔޯގެ އެންމެބޮޑު އެއްޝޮޕިންގ ސެންޓަރުކަމަށްވާ ޗިންޖުކޯ ގައި ހިނގާ އަނގޮޓީގެ ވިޔަފާރިއާއި ކައިވެންޏާބެހޭ ތަކެތީގެ ވިޔަފާރި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވަނީ ފާހަގަކުރެވޭ މިންވަރަށް މައްޗަށް ގޮސްފައެވެ.

ޖަޕާނުގައި ކައިވެނީގެ މުޢާމަލާތްތައް ކޮށްދިނުމާއި ކައިވެނީގެ ރަސްމިއްޔާތުތައް ބާއްވައިދިނުންފަދަ ކަންކަމުގައި ޙަރަކާތްތެރިވާ "އޯވް ނެޓް" ކުންފުނި ބުނާގޮތުން ކައިވެންޏާބެހޭ ތަފާތު މުޢަމަލާތްތަކާއި ޚިދްމަތްތަކަށްއެދި އެކުންފުންޏަށްލިބޭ ހުށަހެޅުންތަކުގެ ޢަދަދު، ބިންހެލުމާއި ސުނާމީގެ ކާރިޘާއަށްފަހުވަނީ އެތަށްގުނައެއް މައްޗަށް ގޮސްފައެވެ.

ކައިވެންޏާބެހެގޮތުން އެއްވެސް މިންވަރަކަށް މިހާތަނަށް ޚިޔާލުކޮށްފައިވާ ޓޯކިޔޯގެ ޒުވާން އަންހެނެއް ކަމަށްވާ ޔުކާރީ އޫދާ ބުނިގޮތުގައި ބިންހެލުމާއި ސުނާމީގެ ކާރިޘާގެ ކުރިން ކައިވެންޏާމެދު އެއްވެސް މިންވަރަކަށް އޭނާގެ ޚިޔާލެއް ނެތެވެ. އަދި ޢާއިލާއެއް އުފައްދައިގެން ދަރިން ހޯދުމުގެ ވިސްނުމެއްވެސް ނެތެވެ. އޭރުގެ ވިސްނުމަކީ ހުސްހަށިބައިކޮށްހުރެގެން ބޭނުންވާ ވަގުތެއްގައި ލޯބިވެރިންނާއެކު މަޖާކޮށް އުފާކުރުމެވެ.

"ބިންހެލުމާއި ސުނާމީގެ ކާރިޘާއަށްފަހު އަހަރެންގެ ވިސްނުން ބަދަލުވެއްޖެ، އޭގެފަހުން ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެން ފަށައިފި، މިހާރު އަހަރެން ބޭނުންވަނީ މަރުވުމުގެ ކުރިން އުފާވެރި ޒަވާޖީ ޙަޔާތެއް ފަށައި ޢާއިލާއެއް ބިނާކުރަން، އަދި ދަރިން ލިބިގެން އެދަރިން ތަރްބިއްޔަތު ކޮށްގެންއުޅޭ ރީތި ދިރިއުޅުމެއް އުޅެން" ޢުމުރުން 30 އަހަރުގެ ޔުކާރީ އޫދާ ބުންޏެވެ.

ޖަޕާނުގެ އެހެން އަންހެނަކު ބުނިގޮތުގައި "ބިންހެލުމުގެ ކާރިޘާއަށްފަހު ކައިވެނިކޮށްގެން ޢާއިލާއެއް ބިނާކުރުމުގެ މުހިއްމުކަން އަހަރެންނަަށް ވިސްނިއްޖެ، މިހާރު އަހަރެން ބޭނުންވަނީ އަހަރެންގެ ލޯބިވެރިޔާއާ އަވަހަށް ކައިވެނިކޮށްގެން ދަރިން ހޯދައި ޢައިލާއެއް ބިނާކޮށްގެން ޒިންމާދާރު ދިރިއުޅުމެއް އުޅެން، އަދި އަހަރެންގެ މައިން ބަފައިންނަށް އެމީހުންގެ ކާފަދަރިންނާއި މާމަދަރިން ފެނުމުގެ އުފާވެސް ލިބިދެވޭތޯ ބެލުން" އޭނާ ބުންޏެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއްސިނާޢީ އެއްޤައުމުކަމަށްވާ ޖަޕާނަކީ މީހުން ކައިވެނިކުރާ ނިސްބަތް ވަރަށް މަދު އަދި އާބާދީ އިތުރުވާ ނިސްބަތްވެސް ސުމަކުން ދަށުގައިވާ ޤައުމެކެވެ. ޖަޕާނުގައި މުސްކުޅިންގެ ނިސްބަތް އިތުރުވެ މަރުވާ ރޭޓަށްވުރެ އުފަންވާ ކުދިންގެ ރޭޓް ދަށްކަމުން އެޤައުމުގެ އާބާދީ އިތުރުވާ މިންވަރު (ޕޮޕިއުލޭޝަން ގްރޯތް ރޭޓް) ވަނީ މައިނަސް ގައެވެ.

މިގޮތަށް ކުރިޔަށްދާނަމަ ކުރިޔަށްއޮތް ހައެއްކަ ސަތޭކަ ވަރަކަށް އަހަރު ތެރޭގައި ޖަޕާނުގެ އާބާދީ ހުސްވެ ޖަޕާންމީހުންގެ ދަރިފަސްކޮޅު (ނަސްލު) ނެތުމުގެ ބިރުއެބައޮތްކަން އެޤައުމުގެ އާބާދީއާބެހޭ ލަފާކުރުންތަކުން (ޕޮޕިއުލޭޝަން ޕްރޮޖެކްޝަން ތަކުން) ހާމަވެއެވެ. އާބާދީ ދަށަށްދާ މައްސަލަ ޖަޕާނަށް ކުރިމަތިވީ އެޤައުމުގެ ޒުވާނުން ކައިވެނިކުރުމާ ދުރަށް ދިޔުމުގެ ސަބަބުންނާއި ދަރިން ހޯދުމުގެ ޒިންމާ އުފުލަން ގިނަބަޔަކު ބޭނުންނުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މިއީ ޔޫރަޕްގެ ގިނަ ޤައުމުތަކަށާއި ސިންގަޕޫރުފަދަ ޤައުމުތަކަށްވެސް ދިމާވެފައިވާ އިންޖްތިމާޢީ ބޮޑު މައްސަލައެކެވެ. ޖަޕާނުގެ ގިނަބަޔަކު ބޭނުންވަނީ ކައިވެނިނުކޮށް އަދި ދަރިންވެސް ނުހޯދައި ހުސްހަށިބައި މީހުންގެ ގޮތުގައި "މިނިވަން" ދިރިއުޅުމެއް އުޅޭށެވެ. މަސައްކަތުގެ ވަގުތުތަކަށްފަހު ރައްޓެހިންނާ މަޖާކޮށް މިނިވަން މަޖާ މާޙައުލެއްގައި ޢާއިލީ ޒިންމާއެއްނެތި އުޅޭށެވެ.

ކައިވެނި ކުރިޔަސް ދަރިން ހޯދަން ޖަޕާނުގެ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އަދި ދަރިންހޯދާ ބައެއް ޒުވާނުންވެސް ދަރިންހޯދަނީ ކައިވެނީގެ ރަސްމީ ގުޅުންތަކުގެ ބޭރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން ނަހަލާލުކުދިންގެ މައްސަލަތައް ޔޫރަޕެކޭ އެއްގޮތަށް ޖަޕާނުގައިވެސް ވަނީ ފެންމަތިވެފައެވެ.
ޖަޕާނުގެ އާބާދީ ދަށަށް ދިޔުމާއެކު، ޒުވާނުން މަދުވެ މުސްކުޅިން ގިނަވާ މައްސަލައިގެ ނޭދެވޭއަސަރު އެޤައުމުގ މަސައްކަތްތެރިކަމުގެ ދާއިރާއަށާއި އިޤްތިސާދަށް ކުރަމުންދާތާ 15 ވަރަކަށް އަހަރު ވެފައިވާކަން އެޤައުމުގައި ޝާއިޢުކޮށްފައިވާ އާބާދީއާބެހޭ ސަރވޭތަކުން ހާމަވެއެވެ.

ނަމަވެސް މިދިޔަ އެޕްރީލް 11 ގައި ޖަޕާނަށްއައި ބާރުގަދަ ބިންހެލުމާއި ސުނާމީގެ ބިރުވެރި ކާރިޘާއަށްފަހު ޖަޕާނުގެ އެތަށް ބަޔެއްގެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް ވަނީ އަންނަންފަށާފައެވެ. މަރުހަނދާންވެ މަރުވުމުގެ ކުރިން މީހުންނާ އިނދެ ޖަވާޖީ ޙަޔާތެއް ފަށައި ދަރިންހޯދައި ޢާއިލާއެއް ބިނާކުރުމުގެ މުހިއްމުކަން ޖަޕާނުގެ ޒުވާނުންގެ ވިސްނުމަށް ވަނީ އަންނަންފަށާފައެވެ.

މިއީ އާބާދީ މަދުވުމުގެ ނުވަތަ ދިގުމއްދަތެއްގައި ފަރިފަސްކޮޅު ނެތިދިމުގެ ބިރުހީވެފައިވާ ޖަޕާނަށް "ހެޔޮފާލެއް" ކަމަށް އެޤައުމާބެހޭގޮތުން ޓައިމް މަޖައްލާގައި ޝާއިޢުކޮށްފައިވާ ރިޕޯޓް ބުނެއެވެ.