19 Jul 2016, 12:55
އަންކަރާ (ޖުލައި 19) : ތުރުކީއަށް އިންގިލާބު ގެނަސް ވެރިކަން ބަދަލުކޮށްލުމަށް މަސައްކަތްކުރި މީހުންނަށް މަރުގެ އަދަބު ދިނުން ވަރަށް ގާތްކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އިންގިލާބު ނާކާމިޔާބުވުމަށް ފަހު ސީއެންއެން އަށް ދެއްވި ބަސްދީގަތުމެއްގައި އުރުދުޣާން ވިދާޅުވީ ތުރުކީގައި އަލުން މަރުގެ އަދަބު ދިނުން ފެށުމާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ޕާލަމެންޓުންކަމުގަ އެވެ. މިކަމުގައި ބޭރުގެ ފަރާތްތައް ދެކޭ ގޮތަށް ތުރުކީ ކޮންމެހެން ބަލަންނުޖެހޭ ކަމަށާއި ތުރުކީން ކަންތައްކުރާނީ އެ ގައުމަށް އެންމެ މަސްލަހަތު ހުރިގޮތަށްކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީއަކީ ކުރިން ބޮޑެތި ކުށްތައް ކުރާމީހުންނަށް މަރުގެ އަދަބު ދިން ގައުމެކެވެ. ނަމަވެސް މީގެ ބާރަވަރަކަށް އަހަރުކުރިން މަރުގެ އަދަބު ދިނުން ވަނީ ހުއްޓާލާފަ އެވެ. އިންގިލާބު ނާކާމިޔާބުވުމަށް ފަހު ތުރުކީގެ ލީޑަރުންވަނީ މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް މިކަމާ މެދު ގޮތެއް ނިންމާނީ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހު އަދި ޕަލަމެންޓުގައި ވެސް ވަރަށްބޮޑަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ތުރުކީގެ ރައީސް ގެ އިތުރުން ބޮޑުވަޒީރުވެސް ވަނީ ވިދާޅުވެފަ އެވެ.

އިންގިލާބާ ގުޅިގެން ތުުރުކީގެ އިސް ޖެނެރަލުން ހައްޔަރު ކުރަނީ
ޔޫރަޕްގެ ގައުމުތަކަކީ އެތައް ބައެއްގެ ފުރާނަތައް ދުއްވާލުން ފަދަ ބޮޑެތި ކުށްތައް ކުރާމީހުންނަށް ވެސް މަރުގެ އަދަބު ދިނުމާ ދެކޮޅު ވިސްނުން ގެންގުޅޭ ގައުމުތަކެކެވެ. އެގައުމުތައް، މަރުގެ އަދަބާ ދެކޮޅު ވިސްނުން ގެންގުޅެނީ ކޮންމެހެން އިންސާނީ ހައްގުތައް ޙިމާޔަތްކުރުމުގެ ބޭނުމުގައެއްނޫނެވެ. ޔޫރަޕްގެ ގައުމުތައް މަރުގެ އަދަބާ ދެކޮޅު ވިސްނުން ގެންގުޅެނީ ޔޫރަޕްގެ އަމިއްލަ ފިކުރު ޕްރޮމޯޓްކޮށް އެފިކުރު ދުނިޔޭގެ ގައުމުތަކުގައި ފެތުރުމުގެ ބޭނުމުގަ އެވެ. އެހެންކަމުން މަރުގެ އަދަބު ދިނުމާ އަދި ނުދިނުމަކީ އިންސާނީ ހައްގުތަކާ އެއްވެސް ވަރަކަށް ގުޅުންއޮތް ކަމެއްނޫނެވެ.
މިކަން އެނގެނީ ޔޫރަޕްގެ ގައުމުތަކަށް އިސްލާމީ ބައެއް ގައުމުތަކަށް އަސްކަރީ ގޮތުން ވަދެގަނެ ކުށެއްނެތް އެތަށްބަޔަކު މަރަމުންގެންދިޔުމުގެ އިތުރުން އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އެތަށްބަޔަކު ކޮންމެ ދުވަހަކު ޝަހީދު ކުރަމުންގެންދާއިރު ވެސް އެއީ ޔޫރަޕްގެ ގައުމުތައް ކަންބޮޑުވާކަމަކަށް ނުވާތީ އެވެ.
މަރުގެ އަދަބު ދިނުމުގެ މައްސަލާގައި ތުރުކީއަށް ފާޑުކިޔަމުން ގެންދަނީ ޔޫރަޕްގެ އިއްތިޙާދާއި ޔޫރަޕްގެ ބޮޑެތި ގައުމުތައްކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުންނެވެ. މި ގައުމުތަކުން ވަނީ މަރުގެ އަދަބުގެ މައްސަލައިގެ އިތުރުން އިންގިލާބު ނާކާމިޔާބުވުމާ ގުޅިގެން ކޯޓު އަމުރާނުލައި ތުރުކީ ސަރުކާރުން އެގައުގެ އެތަށް ހާސްބަޔަކު ހައްޔަރުކުރަމުން ގެންދާތީ ވެސް ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުރުދުޣާން ސަޕޯޓަރުން ތުރުކީގެ މަގުތަކުގައި ހަރަކާތްތެރިވަނީ
މިމައްސަލާގައި އެމެރިކާ ވެސް ވަނީ ކަންބޮޑުވާކަންހާމަކޮށް ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމަށް ތުރުކީއަށް ގޮވާލާފަ އެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކަކީ ވެސް އެގައުމުތަކަށް ދެވޭ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ގޮތެއް ފޮތެއް ނުބަލައި މީހުން ހައްޔަރު ކުރުމުގެ އަމަލުތައް (ޚާއްސަކޮށް އެގައުމުތަކުގެ މުސްލިމުން) ފުޅާދާއިރާއެއްގައި ހިންގަމުން ގެންދާ ގައުމުތަކެކެވެ.
ސެޕްޓެމްބަރު 11ގެ ހަމަލާތަކާ ގުޅިގެން އެމެރިކާ އެ ގައުމުގެ މުސްލިމުންގެ އެތައް ސަތޭކަބަޔަކު ހައްޔަރުކުރި އިރު އެމެރިކާ ވަނީ ބަދަލުހިފުމުގެ ރޫހެއްގައި އިރާގާއި އަފްޣާނިސްތާން ފަދަ އިސްލާމީ ބައެއް ގައުމުތަކަށް އަރައިގަނެ އެގައުމުތަކުގެ ކުށެއްނެތް އެތަށް ބަޔަކު މަރާލާފަ އެވެ. އިންގިލާބު ނާކާމިޔާބުވުމާ އެކު ތުރުކީ ސަރުކާރުން ހައްޔަރުކުރި މީހުންގެ އަދަދުވަނީ ނުވަހާހާ ގާތްވެފަ އެވެ.
މީގެ ތެރޭގައި ހަތްސަތޭކައަށް ވުރެ ގިނަ ފަނޑިޔާރުންނާއި ޕަބްލިކް ޕްރޮސެކިއުޓަރުން ވެސް ހިމެނެ އެވެ. ތުރުކީ ސަރުކާރުން މިހާގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަމުން ގެންދަނީ މިދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައިގެން ސިޔާސީ ބޭނުންތަކުގައި އުރުދުޣާންއާ އިދިކޮޅު ފަރާތްތަކުގެ ދުވަސް ދުއްވާލުމުގެ ރޭވުމެއްގެ ދަށުންކަމަށް ވަނީ ބެލެވިފަ އެވެ.
މީގެ އިތުރުން ތުރުކީއަށް ގެންނަން އުޅުނު އިންގިލާބަކީ ވެސް އުރުދުޣާން ބޭނުންވާ ސިޔާސީ ކަންތައްތަކެއް ހާސިލް ކުރުމަށް ރާވައިގެން ކުރިކަމެއްކަމަށް ދެކޭމީހުންގެ އަދަދު ތުރުކީގައި ގިނަވަމުންދާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ތުރުކީގެ އަވަށްޓެރި އަރަބި ގައުމުތަކުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުވެސް އުރުދުޣާންގެ މައްޗަށްވަނީ ކުރެވިފަ އެވެ.
މީގެ ތެރޭގައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވުމާއި އިރާގުގެ އުތުރުގެ ސަރަހައްދުތަކަށް އިރާގުގެ ހުއްދަނެތި ސިފައިން ފޮނުވުމާއި ލީބިޔާގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އެގައުމުގެ ވާދަވެރި ޖަމާއަތްތަކުގެ ތެރޭން ބައެއް ޖަމާއަތްތަކަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދިނުންފަދަ ކަންކަން ހިމެނެއެވެ. (ނޫސްއެޖެންސީތައް)