މަސްވެރިން ކުރާ މަސައްކަތް މިހާރު ދަށް ކަމަށާއި މަސްވެރިން އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނެފި އެވެ.

މަސްވެރިންގެ ތަރައްގީ އަށް ކުރާ މަސައްކަތްތައް ހިއްސާކުރައްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް އިއްޔެ ވިދާޅުވީ މިދިޔަ ރޯދަ މަހަކީ މިފްކޯގެ ހަޔާތުގައި މަސް ލިބުނުލެއް އެންމެ ދަށް ރޯދަ މަސް ކަމަށެވެ. އެ ކުންފުންޏަށް ދުވާލަކު 180 ޓަނުގެ މަސް ލިބިގެން ނޫނީ ދެކޮޅު ނުޖެއްސޭ އިރު މިހާރު ލިބެނީ 50 ވަރަކަށް ޓަނުގެ މަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަހަށް ފުރާ ދޯނިތައް އިތުރުވީމަ މަސް ލިބޭލެއް އިތުރުވާނެ، މަސް ހޯދަން ކުރަން ޖެހޭ މަސައްކަތް އިތުރުވާން ޖެހޭ، ކުރީގައިހެން ރަށް ފެންނަ ހިސާބުން މަސް ލިބޭ ޒަމާނެއް ނޫން މިއީކީއެއް،" އަދްލީ ވިދާޅުވި އެވެ.

ސަރުކާރުން ގެންދަނީ މަސްވެރިންނަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން މިހާރު މަސް ވެރިން އަތުން މަސް ގަންނަ އަގު ހިފަހައްޓާފައި ވަނީ ސަރުކާރުން ބޮޑު ހޭދައެއްކޮށްގެން ކަމަށް އަދްލީ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދައްނަވަން ކެރިދާނެ އަޅުގަނޑުމެން [މަސްވެރިންގެ އަތުން] މަސް ގަންނަ އަގަށް ވުރެ ހެޔޮއަގުގައޭ، އެހެންވީމާ މިފްކޯ އަށް ވެސް ގެއްލުން، ސަރުކާރަށް ވެސް ގެއްލުން، އެހެން ނަމަވެސް މަސްވެރިން މަހަށް ފުރުވުމަށް ޓަކައި މަސްވެރިންނަށް ލިބޭ އާމްދަނީ ގެއްލިޔަ ނުދިނުމަށް ޓަކައި ސަރުކާރުން ކުރައްވާ ހޭދައެއް މިއީ." އަދްލީ ވިދާޅުވި އެވެ.

މިފްކޯ އިން ދަނީ މަސްފެކްޓޫރީ އަޕްގުރޭޑު ކުރުމުގެ އިތުރުން މަސް ވެރިންނަށް މަސް ބާނަން ފަސޭހަ އިންތިޒާމްތަކާއި އިސްޕުލާންޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އަދްލީ ވިދާޅުވި އެވެ.