ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް އިއްޔެ ކްރިމިނަލް ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖުކޮށްފި އެވެ.

އިދިކޮޅު މެމްބަރުން މިއަދު ވަނީ މަހުލޫފު ދޫކޮށްލުމަށް ގޮވާލައި މަޖިލިސް ތަޅުމުގައި އަޑުގަދަ ކޮށްފަ އެވެ.

މަހުލޫފު ޖަލަށް ލުމަށް ކްރިމިނިލް ކޯޓުން އިއްޔެ ހުކުމް ކުރީ ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަމަށް ސާބިތުވުމުން ނެވެ. މަހުލޫފު ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް އޭނާ މަޖިލީހުގައި ތަމްސީލު ކުރައްވާ ގޮނޑިއެއް ނުގެއްލޭނެ އެވެ. މަޖިލީހުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަމުންނެވެ.

މަހުލޫފުގެ މައްޗަށް އިއްޔެ އިއްވި ހުކުމުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފަހު، ކޯޓުން ނެރުނު ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި ފިލަން ދުވެފައިވާ ކަމަށް ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުކޮށް އަޑު އުފުލާފައިވާ އިރު މިއީ ރައްޔިތުން މަޖިލިސް މިއަހަރަށް ފެށި ފަހުން މަޖިލީހުގައި އިހުތިޖާޖު ކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިދިޔަ އަހަރު ރައީސް މުހައްމަދު ނަޝީދަށް ކުރި ޖަލު ހުކުމާ ގުޅިގެން އިދިކޮޅު މެމްބަރުން މަޖިލިސް ތަޅުމުގައި ވަނީ ވަރަށް ބޮޑަށް އިހުތިޖާޖު ކޮށްފަ އެވެ. އެގޮތުން މެގަފޯނު ބޭނުން ކޮށްގެން ވެސް މަޖިލިސް ތަޅުމުގައި މެމްބަރުން އައީ އިހުތިޖާޖު ކުރަމުން ނެވެ.

މިއަދުގެ ޖަލްސާގައި އޮތީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލްގެ ފުރަތަމަ ކިއުން މަޖިލީހުގެ ތަޅުމަށް އިއްވުމާއި ދައުލަތުގެ ވަޒީރުންނާއި ހުރިހާ ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް ދޭ ހެލްތު އިންޝުއަރެންސް ޕެކޭޖް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމި ރިޕޯޓަށް ބަހުސް ކުރުމެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އޮތީ ހަމައެކަނި މާލިއްޔަތު ކޮމެޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ރިޔާސަތުން މެދުކަނޑާލީ މެންދުރު 1:30ގައި ވޯޓަށް އަހަން މަޖިލީހުގެ ޖަލްސާ އަލުން ފަށާނެ ކަމަށް އިއުލާނު ކޮށްފަ އެވެ.