މި މަހުގެ ފަހުކޮޅު އިނގިރޭސި ކްލަބު އާސެނަލާ ދެކޮޅަށް ނުކުންނަ އެމްއެލްއެސް އޯލް ސްޓާ ޓީމުގެ ސްކޮޑުގައި ނިއު ޔޯކް ސިޓީ އެފްސީގެ އަންދްރޭ ޕިރްލޯ އާއި، އޮރްލޭންޑޯ ސިޓީގެ ކަކާ އަދި މޮންޓްރިއާލް އިމްޕެކްޓްގެ ޑިޑިއާ ޑްރޮގްބާ ހިމަނައިފި އެވެ.

އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ އެކި ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ހިމަނައިގެން އެކުލަވާލި ސްކޮޑުގައި އިޓަލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ޕިރްލޯ އާއި، ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަކާ އަދި އައިވަރީ ކޯސްޓުގެ ތަޖުރިބާކާރު ފޯވަޑް ޑްރޮގްބާ ހިމެނޭ އިރު، އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނި ސެން ޖޯސޭ އާތުކުއޭކްސްގެ ކޯޗު ޑޮމިނިކް ކިނިއާ އެވެ.

ޗެލްސީއާ އެކު ގިނަ ދުވަސްތަކެއް ހޭދަކުރި ޑޮރޮގްބާގެ އިތުރުން ދެން އެ ޓީމުގެ ސްކޮޑުގައި ހިމެނި ކަކާ އާއި ޕިރްލޯ އަކީ އެކުގައި އިޓަލީގެ އޭސީ މިލާނަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

ޕިރްލޯ އާއި، ކަކާ އަދި ޑްރޮގްބާގެ އިތުރުން ދެން ޓީމުގައި ހިމެނުނު ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ބާސެލޯނާގެ ކުރީގެ ފޯވަޑް ޑޭވިޑް ވިޔާ އާއި، ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ފޯވަޑް ޖިއޮވާނީ ޑޮސް ސަންޓޯސް އަދި ޔުވެންޓަސްގެ ކުރީގެ ފޯވަޑް ސަބެސްޓިއަން ޖިއޮވިންކޯ އެވެ.

މި މަހުގެ 29 ވަނަ ދުވަހު އާސެނަލާ ދެކޮޅަށް ނުކުންނަ އެމްއެލްއެސް އޯލް ސްޓާ ޓީމުގެ ސްކޮޑުގައި އެ ތަރިންތަކާ އެކު ޖުމްލަ 26 ކުޅުންތެރިން ހިމެނެ އެވެ.

އެމްއެލްއެސް އޯލް ސްޓާ ސްކޮޑު:

ގޯލްކީޕަރުން: ޑޭވިޑް ބިންގްހަމް (ސެން ހޯސޭ އާތުކުއޭކްސް)، އަންދްރޭ ބްލޭކް (ފިލަޑެލްފިއާ ޔޫނިއަން).

ޑިފެންޑަރުން: މެޓް ބެސްލާ (ސްޕޯޓިން ކެންސަސް ސިޓީ)، ބްރެންޑަން ވިންސެންޓް (ޗިކާގޯ ފަޔާ)، ލިއަމް ރިޖްވެލް (ޕޯޓްލަންޑް ޓިމްބާސް)، ސްޓީވް ބާންބޯމް (ޑީސީ ޔުނައިޓެޑް)، ލޯރެންޓް ކިމަން (މޮންޓްރިއާލް އިމްޕެކްޓް)، ކެންޑޯލް ވެޓްސަން (ވަންކޯވާ ވައިޓްކެޕްސް އެފްސީ)، ކީގަން ރޮސެންބެރީ (ފިލަޑެލްފިއާ ޔޫނިއަން)، އަންދްރޫ ފަރެލް (ނިއު އިންގްލެންޑް ރިވޮލޫޝަން).

މިޑްފީލްޑަރުން: ޖާމެއިން ޖޯންސް (ކޮލޮރާޑޯ ރެޕިޑްސް)، ޑާލިންގްޓަން ނަގްބަ (ޕޯޓްލަންޑް ޓިމްބާސް)، މައުރޯ ޑިއާޒް (އެފްސީ ޑެލަސް)، އަންދްރޭ ޕިރްލޯ (އެންވައިސީއެފްސީ)، ކައިލް ބެކަމަން (ރިއަލް ސޯލްޓް ލޭކް)، ވިލް ޓްރެޕް (ކޮލަމްބަސް ކްރޫ އެސްސީ)، ކަކާ (އޮރްލޭންޑޯ ސިޓީ އެސްސީ)، ސަޗާ ކިލަޔެސްޓަން (ނިއު ޔޯކް ރެޑް ބުލްސް)، އިގްނާސިއޯ ޕިއާޓީ (މޮންޓްރިއާލް އިމްޕެކްޓް).

ފޯވަޑުން: ސެބަސްޓިއަން ޖިއޮވިންކޯ (ޓޮރޮންޓޯ އެފްސީ)، ޑޭވިޑް ވިޔާ (އެންވައިސީއެފްސީ)، ކައިލް ލެރިން (އޮރްލޭންޑޯ ސިޓީ އެސްސީ)، ޑިޑިއާ ޑޮރްގްބާ (މޮންޓްރިއާލް އިމްޕެކްޓް)، ޖިއޮވާނީ ޑޮސް ސަންޓޯސް (އެލްއޭ ގެލެކްސީ)، ކްލިންޓް ޑެމްޕްސީ (ސިއާޓަލް ސައުންޑާސް އެފްސީ)، ކްރިސް ވިންޑޮލޯސްކީ (ސެން ޖޯސޭ އާތުކުއޭކްސް).