އިންޑިއަން ޕްރިމިއަރ ފުޓްސަލް ލީގުގައި ގޯއާ ޓީމަށް ކުޅެމުންއަންނަ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ އެ މުބާރާތުގެ މެދުތެރޭން އެނބުރި ގައުމަށް ފުރައިފިއެވެ.

އިންޑިއާގައި މުޅިން އަލަށް ކުރިއަށް ގެންދާ ޕްރިމިއަރ ފުޓްސަލް މުބާރާތުގެ ގްރޫޕް ބީ ގައި ބެންގަލޫރާ ދެކޮޅަށް ގޯއާ ކުޅުނު މެޗު 7-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ގޯއާ އެ މެޗު ކާމިޔާބުކުރި އިރު އެޓީމުގެ މާރކޭއި ޕްލޭޔަރު ރޮނާލްޑީނިއޯ ވަނީ ބެންގަލޫރުކޮޅަށް ފަސް ލަނޑު ކާމިޔާބުކޮށް، އޭނާގެ ކޮށްޓުމާއި ލަނޑު ޖެހުމުގެ ހުނަރާއި ފެންވަރަށް އަދިވެސް ބަދަލެއް ނާންނަކަން ސާބިތުކޮށްދީފައެވެ.

އިންޑިއަން ޕްރިމިއަރ ފުޓްސަލް ލީގުގައި ގްރޫޕް ބީގެ ގޯއާ އާއި ބެންގަލޫރު ކުޅުނު މެޗުގައި ބެންގަލޫރު ކޮޅަށް ލަނޑު ޖެހުމަށް ފަހު ގޯއާ ޓީމުގެ ރޮނާލްޑީނިއޯ އުފާފާޅުުކުރަނީ -- ބީޓީ ސްޕޯޓްސް

އެހެން ނަމަވެސް، ކުރިން ބާސެލޯނާއަށް ކުޅުނު، ފޯވާޑް ވަނީ މުބާރާތުގެ މެދުތެރޭން ކުޅުން ހުއްޓާލައި އެނބުރި ބްރެޒިލަށް ގޮސްފައެވެ. ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް 2004، އަދި 2005 ވަނަ އަހަރު ހޮވުނު ރޮނާލްޑީނިއޯއަކީ އަންނަ ސެޕްޓެމްބަރު މަހު ބްރެޒިލްގައި ބާއްވާ ޕެރަލިމްޕިކްސް ގޭމްސް 2016ގެ އޮފިޝަލް އެމްބެސެޑަރެވެ.

ޕްރިމިއާ ފުޓްސަލްގައި ދެ މެޗު ކުޅުމަަށްފަހު ރޮނާލްޑޯ އެނބުރި ގައުމަށް ދިއުމުން އޭނާގެ ބަދަލުގައި ގޯއާ ޓީމާ ގުޅިފައިވަނީ، ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން ކަފޫއެވެ. އެހެންކަމުން ގޯއާ ޓީމުގައި ހިމެނޭ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިޔަކަށް ދެން ހުންނާނީ، ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގައި ކުޅުމުގެ ޝަރަފް ލިބިފައިވާ ހަމަ އެކަނި ކުޅުންތެރިޔާ ބްރެޒިލްގެ ކުރީގެ ކެޕްޓަން ކަފޫއެވެ.

އިންޑިއަން ޕްރިމިއަރ ފުޓްސަލް ލީގުގައި ގްރޫޕް ބީގެ ގޯއާ އާއި ބެންގަލޫރު ކުޅުނު މެޗުގައި ބެންގަލޫރު ޓީމަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ޕައުލް ސްކޯލްސް ބޯޅަ ހޯދައިގެން ދަނީ -- ބީޓީ ސްޕޯޓްސް

މުބާރާތުގެ އެންމެ ފޯރިގަދަވެފައި ވާ ދަނޑިވަޅުގައި ގޯއާ ޓީމުން ޑީނިއޯ ގެއްލުނު ނަމަވެސް، 2008 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރި މިހާރު އުމުރުން 46 އަހަރުގެ ފުޓްބޯޅަ ލެޖެންޑް ކަފޫ، ޑީނިއޯ ނެތްތަން ފޫބައްދަން މަސައްކަތް ކުރާނެއެވެ.

ވޯލްޑް ފުޓްސަލް އެސޯސިއޭޝަނުން އެކްރެޑިޓް ކޮށްގެން އިންޑިއާގެ ޕްރިމިއަރ ފުޓްސަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި ފުޓްސަލް އެސޯސިއޭޝަން އޮފް އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތަށް ޖުމުލަ ހަ ޓީމަކުން ވާދަކުރާއިރު އެއިން ކޮންމެ ޓީމެއްގައި ވެސް ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިއަކު ހިމެނެއެވެ.

އިންޑިއަން ޕްރިމިއަރ ފުޓްސަލް ލީގުގައި ގްރޫޕް ބީގެ ގޯއާ އާއި ބެންގަލޫރު ކުޅުނު މެޗުގެ ތެރޭން -- ބީޓީ ސްޕޯޓްސް

ގްރޫޕް އޭ:އަދި ޓީމުގައި ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔާ

  • ކޮޗީ - މައިކަލް ސަލްގާޑޯ

  • މުމްބާއީ - ރަޔާން ގިގްސް
  • ޗެންނާއީ - ފަލްކާއޯ (އެލެސަންދްރޯ ރޮސާ ވިއެރާ)

ގްރޫޕް ބީ:އަދި ޓީމުގައި ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔާ

  • ކަލްކަޓާ - ހެނާން ކްރެސްޕޯ

  • ގޯއާ - ރޮނާލްޑީނިއޯ އަދި ބަދަލުގައި ކަފޫ
  • ބެންގަލޫރު - ޕައުލް ސްކޯލްސް

ދެ ގްރޫޕަކަށް ބަހާލައިގެން ޖުމުލަ ހަ ޓީމާއެކު ޖުލައި 15 އިން 24 އަށް ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅޭނެއެވެ. އަދި ނޮކްއައުޓް ބުރަށް ދާނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ ކުރީގައި އޮންނަ ދެޓީމެވެ.

އިންޑިއަން ޕްރިމިއަަރ ފުޓްސަލް ލީގު އިންތިޒާމްކުރާ ޕްރިމިއަރ ފުޓްސަލްގެ ރައީސަކީ ބާސެލޯނާ އަދި ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ލުއިސް ފީގޯއެވެ.

މުބާރާތުގެ މެޗުތައް ކުޅެމުން ދަނީ، ޗެންނާއީގެ ޖަވާހަރު ލާލު ނެހެރޫ އިންޑޯ ސްޓޭޑިއަމާއި، ގޯއާގެ ޕެޑެމް ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.