ސަންޢާ : ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް ވެރިކަމުގައި ދެމިހުންނެވުމުގެ ސަބަބުން އެޤައުމުގައި އުފެދިފައިވާ ހަމަނުޖެހުންތަކާއި ސިޔާސީ ގަޑުބަޑު ޙައްލުކުރުމަށް ގަލްފުގެ ޤައުމުތަކުން ހުށަހެޅި ހުށަހެޅުމުގެ ލިޔުމުގައި ސޮއިކުރުމަށް ތިންވަނަ ފަހަރުވެސް އޭނާ ދެކޮޅު ހެއްދެވުމުން ގަލްފު ކޯޕަރޭޝަން ކައުންސިލުން އެމަސައްކަތް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ގަލްފު ކޯޕަރޭޝަން ކައުންސިލުން ނެރުނު ބަޔާނެއް ބުނިގޮތުގައި ޔަމަންގެ ވެރިކަން ބަދަލުކުރުމުގެ ކަންތައް ސުލްޙަވެރި ގޮތަކަށް ހަމަޖެއްސުމަށް އެކައުންސިލް މެދުވެރިވެގެން ހުށަހެޅި ހުށަހެޅުން ތަންފީޒުކުރެވޭނެގޮތް ނުވުމުން އެމަސައްކަތާގެން ކުރިޔަށް ދިޔުން ވަގުތީގޮތުން މިހާރުވަނީ ހުއްޓާލާފައެވެ.

ގަލްފުގެ ހުށަހެޅުން އޮތީ ރައީސް ސާލިޙް، އެކަމާބެހޭ ލިޔުމުގައި ސޮއިކުރެއްވުމާއެކު ކުރިޔަށްދާގޮތަށް ކަމަށްވެސް ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ބަޔާނުގައި ވެއެވެ. ނަމަވެސް ސައޫދީ އަރަބިޔާގައި މިއަދު ޝާއިޢުކުރި މީޑިޔާ ރިޕޯޓެއް ބުނާގޮތުން، ގަލްފު ކޯޕަރޭޝަން ކައުންސިލުން މިހާރު ނިންމާފައިވަނީ މިއަދުގެ ނިޔަލަށް ރައީސް ސާލިޙް، އެހުށަހެޅުމުގެ ލިޔުމުގައި ސޮއި ނުކުރައްވައފިނަމަ ހުށަހެޅުން އަނބުރައި ގެންދިޔުމަށެވެ. ނަމަވެސް ގަލްފު ކޯޕަރޭޝަން ކައުންސިލުން މިކަން ކަށަވަރުކޮށެއް ނުދެއެވެ.

ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ހުށަހެޅުން ބިނާވެފައިވަނީ ރައީސް ސާލިޙްގެ މައްޗަށް ޝަރީޢަތް ނުހިންގާގޮތަށް އޭނާ ވެރިކަމުން ދުރުވެ ވަޑައިގަތުމުގެ މައްޗަށެވެ. އަދި ސާލިޙް ވެރިކަމުން ދުރުވެވަޑައިގަތުމުގެ ކުރިން ނައިބު ރައީސް ކަމުގެ މަޤާމަށް ދެބޭފުޅަކު ޢައްޔަންކުރައްވައި އެދެބޭފުޅުންނާ ވެރިކަން ޙަވާލުކުރެއްވުމަށާއި، ސާލިޙް ވެރިކަމުން ދުރުވެ ވަޑައިގަތުމާއެކު ބޮޑުވަޒީރެއްގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލައި 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބޭއްވުންވެސް މި ހުށަހެޅުމުގައި ވެއެވެ.

ރައީސް ސާލިޙް، ވެރިކަމުން ދުރުކުރުމަށް ޔަަމަންގެ އިދިކޮޅު ފަރާތްތަކާއި ރައްޔިތުން ގުޅިގެން ކުރަމުންގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތަކަށް މިހާރުވަނީ 4 މަސްދު ވެފައެވެ. މިހާރުވެސް ލައްކައިންނާއި މިލިޔަނުން ގުނާލެވޭ ބޮޑެތި މުޒާހަރާތައް ޔަމަންގެ ކަންކޮޅުތަކުގައި ކޮންމެދުވަހަކުދަނީ ކުރަމުންނެވެ.

ސުލްޙަވެރި މުޒާހަރާތަކާ ދެކޮޅަށް ޔަމަންގެ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް 200 އަށްވުރެ ގިނަމީހުން މަރުވެ އެތަށް ހާސްބަޔަކުވަނީ ޒަޚަމްވެފައެވެ. ރައީސް ސާލިޙްވަނީ ގަލްފުގެ ހުށަހެޅުން އުސޫލެއްގެ ގޮތުން ޤަބޫލުކުރައްވާފައެވެ. ނަމަވެސް މިކަމާބެހޭ އެއްބަސްވުމުގެ ލިޔުމުގައި ސޮއިކުރެއްވުމަށް ތިންފަހަރެއްގެ މަތިން އޭނާ ވަނީ އެކިއެކި ޙުއްޖަތްތައް ދެއްކެވުމަށްފަހު ދެކޮޅު ހައްދަވާފައެވެ. -- އަލްޖަޒީރާ