19 Jul 2016, 07:09
ދައުލަތުގެ ވަޒީރުންނާއި ހުރިހާ ފަނޑިޔާރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނަށް ދޭ ހެލްތު އިންޝުއަރެންސް ޕެކޭޖް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީން އެ ގޮތަށް ނިންމީ ހޯމަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ހާޒިރުވެވަޑައިގެން މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ. މިއަދު އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ކޮމެޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު އެ ރިޕޯޓަށް ބަހުސް ކުރުން އޮންނާނެ އެވެ.
މާލިއްޔަތު ކޮމެޓީން އިއްޔެ ފާސްކުރި އިންޝުއަރެންސް ޕެކޭޖުގައިވާ ގޮތުން ވަނީ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާ ފަރާތްތަކުގެ ހެލްތު އިންޝުއަރެންސް ސްކީމްގެ ޕްރީމިއަމް (އަހަރީ ފީ) އާއި އަހަރަކު ބޭނުންކުރެވޭ މިންވަރު ބޮޑުކޮށްފަ އެވެ.
އަހަރީ ފީއަށް އައި ބަދަލުތައް:
- ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މަޖިލީހުގެ ކޮންމެ މެމްބަރަކަށް އަހަރީ ފީގެ ގޮތުގައި ދައްކަމުން ދިޔަ 12،500 ރުފިޔާ، ވަނީ 24،000 ރުފިޔާއަށް ބޮޑުކޮށްފައި.
- ވަޒީރުންގެ ހެލްތު އިންޝުއަރެންސް: 12،000 ރުފިޔާއިން 19،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- ހައި ކޯޓުގެ ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ މެމްބަރުން: 7000 ރުފިޔާއިން 14،500 އަށް ވަނީ ބޮޑުކޮށްފައި.
- ސުޕީރިއާ ކޯޓުތުގެ ފަނޑިޔާރުން: 7000 ރުފިޔާއިން 12،000 އަށް ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- މެޖިސްޓްރޭޓް ކޯޓުގެތަކުގެ ގާޒީން: 7،000 ރުފިޔާއިން 9،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- މުސްތަގިއްލު މުއައްސަސާތަކާއި، ކޮމިޝަންތަކުގެ މެމްބަރުން: 10،000 ރުފިޔާއިން 14،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
އިންޝުއަރެންސް ޕެކޭޖަށް އައި ބަދަލުތައް:
- ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މަޖިލީހުގެ ކޮންމެ މެމްބަރަކަށް އަހަރީ ފީގެ ގޮތުގައި ދައްކަމުން ދިޔަ 300،000 ރުފިޔާ، ވަނީ 350،000 ރުފިޔާއަށް ބޮޑުކޮށްފައި.
- ވަޒީރުންގެ ހެލްތު އިންޝުއަރެންސް: 300،000 ރުފިޔާއިން 350،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- ހައި ކޯޓުގެ ފަނޑިޔާރުން: 200،000 ރުފިޔާއިން 300،000 އަށް ވަނީ ބޮޑުކޮށްފައި.
- ސުޕީރިއާ ކޯޓުތުގެ ފަނޑިޔާރުން: 200،000 ރުފިޔާއިން 300،000 އަށް ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- މެޖިސްޓްރޭޓް ކޯޓުގެތަކުގެ ގާޒީން: 200،000 ރުފިޔާއިން 250،000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައި.
- މުސްތަގިއްލު މުއައްސަސާތަކާއި، ކޮމިޝަންތަކުގެ މެމްބަރުން: 250،000 ރުފިޔާއިން 300،000 ރުފިޔާއަށް ބޮޑުކޮށްފައި.
އެ ޕެކޭޖްގެ ދަށުން އިންޑިއާ ސްރީލަންކާގެ އިތުރުން އާސިއާންގެ ގައުމުތަކުން ވެސް ބޭސްފަރުވާކުރެވެ އެވެ.
ދައުލަތުގެ ހުރިހާ އިސްވެރިންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ އެލައިޑުންނެވެ. ސަބް ކޮމިޓީ އިން އެބޭފުޅުންގެ އިންޝުއަރެންސްގެ އަގު ބޮޑުކުރަން ފާސްކުރީ ހެލްތު އިންޝުއަރެންސްގެ ގޮތުގައި އެ ބޭފުޅުންނަށް ދައުލަތުން މިހާރު ދައްކަމުން ގެންދަވާ އަގުގައި އިންޝުއަރެންސް ދެވެން ނެތް ކަމަށް އެލައިޑް އިންޝުއަރެންސުން އެންގުމުންނެވެ.
ގާނޫނު އަސާސީގެ 102ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި މުސްތަގިއްލު ކޮމިޝަނުތަކުގެ މެމްބަރުންގެ މުސާރައާ އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.