19 Jul 2016, 07:59
މަންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯގެ ލަންޑަނުގައި ހުންނަ ގެއަށް ވަގަށް ވަން މީހަކު ހަތަރު ހަފުތާއަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެފި އެވެ.
މޮރީނިއޯގެ ގެއަށް ވަން ގަބޯ ރޯމާން ނަމަކަށް ކިޔާ 25 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ މޮރީނިއޯ ދިރިއުޅޭ ގެ ހުންނަ ލަންޑަން ސްޓްރީޓް އިން މިމަހުގެ 10 ވަނަ ދުވަހު އެވެ.
އަދި އޭނާ ހަތަރު ހަފްތާއަށް ޖަލަށްލާން އިއްޔެ ހުކުމް ކުރީ ވައްކަންކުރަން އުޅުނު ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ވުމުން ނެވެ.
ދަ ސަން ނޫހުން ބުނާގޮތުން، ވައްކަން ކުރަންވެގެން މޮރީނިއޯ ގެއަށް ރޯމާން ވަނީ، ޓީވީން، މޮރީނިއޯގެ އުފަން ގައުމު ޕޯޗުގަލް އާއި ފްރާންސް ބައްދަލުކުރި ޔޫރޯގެ ފައިނަލް މެޗް ބަލަން އޭނާ އިންދައެވެ. އަދި އޭނާގެ 25 މިލިއަން ޔޫރޯގެ ގެއަށް ވަގަކު ވަދެގެން އުޅޭކަން އެނގުނީ ގޭގެ މެއިޑަކު ހަޅޭއްލަވައި ގަތުމުން ކަމަށް ބުނެފައިވެ އެވެ.
މެއިޑު ހަޅޭއްލަވައިގަތުމުން ރޯމާން ފިލަން މަސައްކަތްކުރި ނަމަވެސް ސެކިއުރިޓީ ގާޑަކު އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި އެވެ.