މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މި އަހަރު ކުރުމަށް ހަމަޖެހިފައިވާ ތިން ހަރަމް އުމުރާ ދަތުރަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތިން ހަރަމް އުމުރާ ދަތުރަށް ހާއްސަކޮށްގެން ހައްޖު ކޯޕަރޭޝަނުން ތައާރަފްކުރާ ޕެކޭޖުގައި ތިން ހަރަމަށް ޒިޔާރަތްކުރުމުގެ އިތުރުން ސައޫދީ އަރަބިއްޔާ، އުރުދުން (ޖޯޑަން) އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.

އުމުރާ ދަތުރަށް މީހަކަށް 41,965 ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް އުމްރާއަށް ދަނީ ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ ގުރޫޕެއް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ތިން ހަރަމް އުމުރާ ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީކުރައްވާއިރު ފޯމާއި އެކު މަދުވެގެން 5,000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އަންނަ މަހުގެ 31ގެ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ފައިސާ ދައްކައި ނިންމަން ވާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އެ ޕެކޭޖުގެ ދަށުން އުމުރާގެ މުއްދަތަކީ 18 ދުވަހެވެ. އެއީ ސައޫދީ އަރަބިއްޔާގެ މައްކާގައި 11 ދުވަސް، މަދީނާގައި ދެ ދުވަސް، އުރުދުން (ޖޯޑަން)ގައި ދެ ދުވަސް އަދި ފަލަސްތީނުގައި ތިން ދުވަސް ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ހައްޖު ކޯޕަރޭޝަނުގެ ތިން ހަރަމް އުމުރާ ދަތުރު ޕެކޭޖް

  • އުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
  • މި ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ހުރިހާ މަންޒިލްތަކެއްގެ ދަތުރު ހަރަދު
  • އުމްރާ ވިސާ
  • އުމްރާ ތަމްރީން ޕްރޮގްރާމް
  • ވެކްސިން ޖެހުމުގެ ހިދުމަތް
  • ދެ އުމްރާ ކުރުމުގެ ފުރުސަތު
  • 18 ދުވަހުގެ ހުރުމާއި ކެއުން
  • މައްކާ އަދި މަދީނާގެ އިތުރުން ފަލަސްތީނާއި އުރުދުންގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުން
  • 05 ލީޓަރުގެ ޒަމްޒަމް ފެން ފުޅިއެއް
  • ޢުމްރާ ކިޓް (ލަގެޖް ފޮށި، ހޭންޑް ލަގެޖް، ޓޮއިލެޓްރީ ދަބަސް، އުނަގަނޑު ދަބަސް، އިޙްރާމް، ހިޖާބް ފޮތި، ޢުމްރާ އަތްމަތީ ފޮތް، ޢުމްރާ ދުޢާ ކާރޑް، ހައްޖު އަދި އުމްރާ ކުރާނެ ގޮތުގެ ޑީވީޑީ، ދަތުރުގެ ފޮޓޯތައް ހިމެނޭ 08 ޖީބީގެ ޕެންޑްރައިވް
  • އެހެނިހެން ޚިދްމަތްތައް

ތިން ހަރަމް އުމުރާ ދަތުރަށް ހައްޖުކޯޕަރޭޝަންގެ ބައިވެރިން ފުރާނީ 29 ނޮވެމްބަރުގަ އެވެ.