18 Jul 2016, 20:32
ދައުވާލިބޭ މީހާގެ ޣައިރު ހާޒިރުގައި ހެކިބަސް ނެގުމަށް ފަހު މީހަކު 10 އަހަރަށް ޖަލަށްލުމަށް ށ. ފުނަދޫ ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.
ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި ށ. ފުނަދޫ ނަސީމީގެ، މުޙައްމަދު ރިޝާން، 26، ދިހަ އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅީ އެމައްސަލާގައި ހެކީންގެ ހެކިބަސް ސިއްރުން ނަގައި ދިނުމަށް ދައުލަތުން އެދުމުން އެރަށު ކޯޓުން އޭނާގެ ޣައިރު ހާޒިރުގައި ހެކިބަސްނަގައި ހުކުމް ކުރުމުންނެވެ.
އެމައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފުނަދޫ ކޯޓުން އެމައްސަލާގައި ހުކުމްކޮށްފައިވަނީ ދައުވާ ލިބޭ ރިޝާނަށް ގިނަ ހައްގުތަކެއް ނުދީކަމަށެވެ. އެގޮތުން ދިފާއުގައި ހެކިން ހާޒިރުކުރުމުގެ ފުރުސަތުވެސް ދީފައި ނުވާކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތުންވެސް ރިޝާން މަހުރޫމުކޮށްފައިވާ ކަމަށް ހައިކޯޓު ހުކުމުގައިވެ އެވެ.
ރިޝާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ފުނަދޫ ކޯޓުން އޭނާ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރި އިރު އެމައްސަލާގައި އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސްވެސް ނަގާފައިވަނީ ނަގަން ޖެހޭ ގޮތަށް ނޫންކަމަށް ހައިކޯޓު ހުކުމުގައިވެ އެވެ. އެފަދަ މައްސަލަތަކުގައި އަނިޔާ ލިބުނު ކުއްޖާގެ ހެކިބަސްނަގާއިރު އޭނާ ދަންނަ ދެކެފަރިތަ ބައެއްގެ ކުރިމަތީގައި ހެކިބަސް ނަގަން ޖެހޭނެ ކަމަށް ހައިކޯޓުން ވަނީ ބުނެފަ އެވެ.
ސިއްރުން ހެކިބަސް ނެގުމުގައި ދައުވާ ލިބޭ މީހާ ހާޒިރުނުކޮށް ފުނަދޫ ކޯޓުން ހެކިބަސް ނަގާފައިވީ ނަމަވެސް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ސިއްރު ހެކީންގެ ހެކިބަސް ނަގަނީ ކޯޓުގެ އެހެން ރޫމަކަށް ހެކީން ހާޒިރުކޮށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
އެގޮތަށް ހެކިބަސް ނަގާއިރު ދައުވާ ލިބޭ މީހުންނަށް ހެކިބަސްދޭ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ކޯޓުން ދެއެވެ. ނަމަވެސް ދައުވާ ލިބޭ މީހާއަށް ހެކިބަސްދޭ މީހަކީ ކާކުކަން އެނގޭނެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ.
ފުނަދޫ ކޯޓުން މިގޮތަށް އަމަލު ކުރަމުންދާއިރު ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ކ) ގައި ވަނީ ދައުވާ ހުށަހަޅާ ފަރާތުން ޝަރީއަތަށް ހާޒިރުކުރާ ހެކީންނާ ސުވާލު ކުރުމާއި އެމީހަކު ބޭނުން ހެކީން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި އެ ހެކީންނާ ޝަރީއަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ހައްގު ދައުވާ ލިބޭ މީހާއަށް ލިބިގެންވާ ކަމަށެވެ.