18 Jul 2016, 19:30
ބޮޑު އަނިޔާއެއް ވެފައިވާ، ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅެމުންދާ ޗެލްސީގެ ކުރީގެ ފޯވަޑް ޑެމްބަ ބާ ފައިގެ އެކްސްރޭ އާންމުވެއްޖެ އެވެ.
ބާގެ ބިންދައިގެން ގޮސްފައިވާ ފައިގެ އެކްސްރޭ އާންމުވި އިރު، އޭނާ އަށް ކުރިއަށް އޮތް އަށް މަސް ދުވަސް ކުޅުމާ ދުރުގާ ހޭދަކުރަން ޖެހޭނެ އެވެ.

އާންމުވެފައިވާ ބާގެ ފައިގެ އެކްސްރޭ: ބާ އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ކުރިއަށް އޮތް އަށް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ --- ---
އުމުރުން 31 އަހަރު ފޯވަޑް ބާގެ ފަޔަށް އަނިޔާވެފައި ވަނީ ޗައިނީސް ސުޕަރ ލީގުގައި އިއްޔެ ވާދަވެރި ޝަންހާއީ އެސްޕީއައިޖީއާ ދެކޮޅަށް ކުޅެ 2-1 ލަނޑުން މޮޅުވި މެޗުގެ ދެވަނަ ހާފުގެ ތެރޭގަ އެވެ. ބާ އަށް އަނިޔާވީ އޭނާ އަތުން ބޯޅަ ހޯދުމުގެ ތެރޭގައި ޝަންހާއީ އެސްޕީއައިޖީގެ ސުން ޒިއަންގްގެ ފައިން ބާގެ ފައިގައި ޖެހުމުންނެވެ.
އެ އަނިޔާއާ އެކު ވަގުތުން ޑެމްބަ ބާ ހޮސްޕިޓަލަށް ގެންދިޔަ އިރު، މެޑިކަލް ސްޓާފުންނަށް އޭނާ ކުރި ފުރަތަމަ ސުވާލަކީ "މެޗުން ޓީމު މޮޅުވިތޯ؟" އެވެ.

ޑެމްބަ ބާ ފައި ބިންދައިގެން ގޮސްގެން ހޮސްޕިޓަލުން އޭނާ ފަރުވާ ހޯދަނީ: އެ އަނިޔާއާ ގުޅިގެން އޭނާ އަށް ކުރިއަށް އޮތް އަށް މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ---
އެ އަނިޔާއާ ގުޅިގެން ޝަންހުއާ ޝެންހުއާގެ ކޯޗު ގްރެގޯރިއާ މަންޒާނޯ ބުނީ، ޑެމްބަ ބާ އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ޑެމްބަ ބާ އަށް ދޭނެ ކަމަށެވެ.
ބާ އަށް އަނިޔާވުމާ އެކު ގިނަ ކުޅުންތެރިންތަކަކާއި ކޯޗުންތަކެއް އޭނާ އަށް ހިތްވަރު ދިނުމަށް މެސެޖުތައް ފޮނުވަމުންދާ އިރު، މެޗުގައި ބާ އަށް ޓެކްލް ކުރި ޒިއަންގް އާއި ޝަންހާއީގެ ވައިސް މޭޔަރު ވެސް ބާގެ ހާލު ބެލުމަށް ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވެ އެވެ.