އަޑިއަށް ދިޔަ ލޯންޗެއްގައި ތިބި ހަތަރު މީހަކު ކަނޑުވެ، ސަލާމަތްވުމަށް ފަޅު ރަށެއްގައި ތިއްބާ ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ، މ. ކެކުރާޅުވެލި ނަމަކަށް ކިޔާ ފަޅުރަށެއް ކައިރީގައި މަސްބާނަން އުޅުނު "މާކެޔޮޅު" ނަމަކަށްކިޔާ ލޯންޗެއް އަޑިއަށް ދިއުމުން، ސަލާމަތްވުމަށް ކެކުރާޅުވެލި ފަޅު ރަށުގައި ތިއްބާ ސަލާމަތްކޮށްފައި ވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ މީހެއް ކަމަށެވެ.

އެ ހަތަރު މީހުން ވެސް ސަލާމަތްކޮށްފައިވަނީ މ. ކޮޅުފުށި ޕޮލިސް ސްޓޭޝަނުގެ ފުލުހުން ނެވެ.

މިއަދު މެންދުރު 1:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ ހާދިސާގައި ލޯންޗުގައި ތިބި ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާއިރު ފަޅުވެރިންގެ ގޮތުގައި ހަރަކާތްތެރިވި ދިވެއްސަކާއި ބަންގުލަދޭޝް މީހާއަށް މ. މުލި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން ލޯންޗު އަޑިއަށްދިޔައީ ލޯންޗަށް ޖެހި ރާޅަކާއެކު ކެކުރާޅުވެލި ފުއްޓަރު ފަރާތު ފަރުމައްޗަށް ލައްވުމާ ގުޅިގެންކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.