ތުރުކީގައި ނާކާމިޔާބުވި އަސްކަރީ ބަޢާވާތާ ގުޅުންހުރި ކަމަށް ބެލެވޭ 8000 ފުލުސް އޮފިސަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ތުރުކީއަށް ގެންނަން އުޅުނު އަސްކަރީ ބަޣާވާތާއި ގުޅިގެން ތުރުކީގެ އެންމެ މަތީ ތިން ޖެނެރަލުންނާއި އެތައް ސަތޭކަ ސިފައިންނަކާ އެކު 6000 އަށް ވުރެ ގިނަ މީހުން ތަހުގީގަށް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި 2700 ފަނޑިޔާރުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓަރާ ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނީ، މިހާތަނަށް ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ 8777 މީހުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 7899 ފުލުހުންނާއި ސިފައިން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ބަޣާވާތާ ގުޅުންހުރި މީހުން ހޯދުމަށް އެގައުމުގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 100 އަށްވުރެ ގިނަ ޖެނެރަލުންނާއި އެޑްމިރަލުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ މީޑިއާ އިން ބުންޏެވެ.

ތުރުކީގައި ނާކަމިޔާބުވި ބަޣާވާތާ ގުޅިގެން އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ބަޣާވާތް ކުރުމުގެ އަޑީގައި ނުވަތަ އެކަމުގައި ޝާމިލުވާ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ވައިރަހެއްހެން ފެތުރޭ ކެންސަރެއް ސާފުކުރުމުގެ މަސައްކަތްކުރިއަށް ގެންދަވާނެ ކަމަށެވެ.

ނާކާމިޔާބުވި ބަޣާވާތުގައި މަރުވި މީހުންނަށް އިއްޔެ ބޭއްވި ޖަނާޒާގައި އަށްފަހު ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަމުން އުރުދުޣާން އިއްޔެ ވަނީ، އެގައުމުގައި މަރުގެ އަދަބު ދޭން ނިންމަވާފައިވާ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.