ސްޕެއިންގެ ބާސެލޯނާ އަށް ކުޅުމަށްފަހު، 1997 ވަނަ އަހަރު ބްރެޒިލް ލެޖެންޑް ރޮނާލްޑޯ ސްކޮޓްލެންޑްގެ ރޭންޖާސްއާ ގުޅުމާ ވަރަށް ގާތަށް ދިޔަ ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.

ބާސެލޯނާގައި ކާމިޔާބު ސީޒަނެއް ހޭދަކުރުމަށް ފަހު، އިޓަލީގެ އިންޓަ މިލާނާ ގުޅުމުގެ ކުރިން ރޮނާލްޑޯ އަށް ރޭންޖާސް އާއި ލާޒިއޯ އިން ރަނގަޅު ހުށަހެޅުންތަކެއް ލިބިފައިވެ އެވެ.

ރޮނާލްޑޯ ވަނީ 1996 ވަނަ އަހަރުގެ ސީޒަނުގައި ބާސާ އަށް ކުޅުނު 34 މެޗުން 37 ލަނޑު ކާމިޔާބުކޮށް، ފީފާ އިން ހޮވި އެ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދައިފަ އެވެ. ނަމަވެސް ބާސާއާ އެކު އޭރު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން އާކޮށްފައެއް ނުވެ އެވެ.

"އޭރު ރޮނާލްޑޯގެ އަގު ބޮޑު ކަމުން ގިނަ ކްލަބުތަކަކުން އޭނާ ހޯދުމަށް ފަސްޖެހުނު. އޭރު އޭނާ ހޯދުމަށް ހުށަހެޅި ތިން ކްލަބަކީ އިންޓަ މިލާން، ލާޒިއޯ އަދި ރޭންޖާސް. އޭގެ ތެރެއިން ރޭންޖާސްގެ ހުށަހެޅުން ވަރަށް ރަނގަޅު. އަހަރެމެން ކައިރީ ރޭންޖާސް އިން ބުނީ އޭނާ ސްކޮޓިޝް ލީގުގައި ކުޅެން ނުޖެހޭނެ ކަމަށް. ހަމައެކަނި ރޮނާލްޑޯ އަށް ކުޅެން ޖެހޭނީ ޗެމްޕިއަންސް ލީގުގައި ކަމަށް ބުނި،" ރޮނާލްޑޯގެ އެޖެންޓް ޖިއޮވާނީ ބްރަންޗިނީ ބުންޏެވެ.

ރޮނާލްޑޯގެ އެޖެންޓް ބުނީ، ރޮނާލްޑޯ ބްރެޒިލްގައި ކުޅެން ފެށި ހިސާބުން އިންޓަ މިލާނުން އޭނާ އަށް ބަލަމުންދިޔަ ކަމަށާއި ބާސެލޯނާގެ ރިލީޒް ފީ ދެއްކޭނެ ކްލަބަކަށްވީ އިންޓަ ކަމަށެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުމުގެ ކުރިން އިންޓަގައި ރޮނާލްޑޯ ފަސް ސީޒަން ހޭދަކުރި އެވެ. ކްލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދި ރޮނާލްޑޯ އަކީ ބްރެޒިލް ގައުމީ ޓީމާއެކު 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިއެކެވެ.