18 Jul 2016, 16:24
ޖަޕާނުގެ ސޮފްޓްބޭންކް ކުންފުނިން، މައިކްރޯޗިޕު އުފެއްދުމަށް މަޝްހޫރު އިނގިރޭސި ވިލާތުގެ ޓެކްނޮލޮޖީސް ކުންފުނި އާމް ހޯލްޑިންގްސް 32 ބިލިޔަން ޑޮލަރަށް ގަންނަން ނިންމައިފި އެވެ.
އާމް ހޯލްޑިންގްސްއަކީ ދުނިޔޭގެ ގިނަ ސްމާޓްފޯނުތަކުގައި ބޭނުންކުރާ މައިކްރޯޗިޕު އުފައްދާ ކުންފުންޏެވެ. އެންޑްރޮއިޑް ފޯނުތަކާއި އައިފޯނުތަކުގައި ވެސް ބޭނުންކުރަނީ އާމް ހޯލްޑިންގްސްގެ މައިކްރޯޗިޕުތަކެވެ.
އާމް ހޯލްޑިންގްސް 32 ބިލިޔަން ޑޮލަރަށް ގަނެފައި ވަނީ ޖަޕާނުގެ ޓެލެކޮމިނުއިކޭޝަންސް ކުންފުނި ސޮފްޓްބޭންކްއިންނެވެ. ސޮފްޓްބޭންކަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީސް އަދި ކޮމިއުނިކޭޝަންސް ކުންފުންޏެވެ. އެކުންފުނިން މީގެ ކުރިން ވަނީ ޖަޕާނުގެ ވޮޑަފޯންގެ އޮޕަރޭޝަންސްތައް އެކުންފުނީގެ ދަށަށް ގެނެސްފަ އެވެ. އަދި އެމެރިކާގެ ޓެލެކޮމް ކުންފުނި "ސްޕްރިންޓު" ވެސް ވަނީ 20 ބިލިޔަން ޑޮލަރުގެ ޑީލެއްގެ ދަށުން ސޮފްޓްބޭންކުން ގަނެފަ އެވެ.
ބައްތިރީސް ބިލިޔަން ޑޮލަރުގެ ބޮޑު އެކުއިސިޝަނާ ބެހޭ ގޮތުން ސޮފްޓްބޭންކްގެ ޗެއާމަން މަސަޔޯޝީ ސޮން ވިދާޅުވީ އާމް ހޯލްޑިންގްސްއަކީ އެ ކުންފުނީގެ މާކެޓުގެ ލީޑަރު ކަމަށް ދެކޭ ކަމަށާއި އެކުންފުނި ސޮފްޓްބޭންކުގެ ދަށަށް ގެނައުމަކީ އެންމެ ކުރިން ވެސް އެދުނު ގޮތެއް ކަމަށެވެ.