18 Jul 2016, 16:31
ބޮލީވުޑްގެ އެހެން ތަރިންނާ ހިލާފަށް އެކްޓްރެސް ކެޓްރީނާ ކައިފް އަކީ ސޯޝަލް މީޑިއާއާ ވަރަށް ދުރުން އުޅުނު ތަރި އެކެވެ. އެކަމާ ގުޅިގެން އެތައް ފޭނުންނަކާއި މީޑިއާ ތަކެއް އޭނާއާ ސުވާލުތައް ވެސް ކުރިމަތިކުރުވި އެވެ.
ނަމަވެސް ފޭނުންނަށް ގާތް ގުޅުމެއް ބޭއްވުމަށާއި އޭނާ ފަދަ ތަރިއަކު ސޯޝަލް މީޑިއާގައި ހަރަކާތްތެރި ވުމުގެ މުހިއްމުކަން އިހުސާސް ކުރެވި ކެޓްރީނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރި އޭނާގެ 33 ވަނަ އުފަން ދުވަހާ އެކު ފޭސްބުކް ޕޭޖެއް އާންމުކޮށްފަ އެވެ.
ވެރިފައިޑް ކޮށްފައިވާ ކެޓްރީނާގެ ފޭސްބުކް ޕޭޖުގައި އެންމެ ފުރަތަމަ ވެސް އޭނާ ހިއްސާކުރީ ފޭނުންނަށް ހާއްސަ ވީޑިއޯ މެސެޖެކެވެ. އަދި ހަމަ އެ ދުވަހު ފޭނުންނާއެކު ފޭސްބުކް ލައިވް މެދުވެރިކޮށް ވީޑިއޯ ޗެޓެއް ވެސް އޭނާ ވަނީ ކޮށްފަ އެވެ.
ފޭނުންނާއެކު ބޭއްވި ގާތް ގުޅުމުގެ ސަބަބުން އޭނާގެ ފޭސްބުކް ޕޭޖު ލޯންޗުކުރިތާ 12 ގަޑިއިރުގެ ތެރޭގައި ތިން މިލިއަން މީހުން އެ ޕޭޖަށް ލައިކްކުރިއިރު، 24 ގަޑިއިރު ހަމަވިއިރު އެ އަދަދު ވަނީ ހަތަރު މިލިއަނަށް އަރާފަ އެވެ.
މީގެ އިތުރުން، ޖޫޖުލް ސާޗްގައި އެންމެ ގިނަ ބަޔަކު ސާޗްކުރާ އިންޑިއާގެ 10 މީހުންގެ ތެރޭގައި ހިމެނޭ ކެޓްރީނާ ވެފައި ވަނީ ފޭސްބުކްގަ އާއި ޓްވީޓާގައި އެ މީހަކާ ގުޅޭ ގޮތުން އެންމެ ގިނަ ބަޔަކު ވާހަކަދެއްކި ތަރި އަށް ވެސް ވެފަ އެވެ.
ނަމަވެސް ކެޓްރީނާގެ އަމިއްލަ ޓްވީޓާ އެކައުންޓެއް އަދި ހަދާފައި ނުވި ނަމަވެސް، ޓްވީޓާ އަދި އިންސްޓަގުރާމް އާ ގުޅޭނެ ކަމުގެ އުފާވެރި ހަބަރު އޭނާ ވަނީ ފޭނުންނަށް ދީފަ އެވެ.