18 Jul 2016, 15:30
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ޖަލު ހުކުމް، އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ، ފުލުހުންގެ ދައުރު އަދާކުރުމަށް މަހުލޫފް ހުރަސް އެޅި ކަމަށް ބުނެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ބަންދާ މެދު ގޮތެއް ނިންމުމަށް ފަހު މިދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 7:00 އެހައިކަންހާއިރު ފުލުހުންގެ ވެހިކަލަށް އެރުމަށް ތަކުރާރުކޮށް އެންގުމުން އެކަމަށް ދެކޮޅު ހަދައި ފިލަން އުޅެފައިވާތީ ކަމަށް ބުނެ އެވެ.
ނަމަވެސް މަހުލޫފް ވިދާޅުވީ އޭނާ އެ ދުވަހު ދިޔައީ ފުލުހުން އޭނާގެ އަނބިކަނބަލުންނާ ދިމާލަށް "އަރައިގަތުމުން" އެކަން ހުއްޓުވުމަށް ޓަކައި ކަމަށެވެ.
މަހުލޫފްގެ މައްޗަށް ޖަލު ހުކުމް އިއްވުމާ ގުޅިގެން މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސިއްރު މަޖިލީހެއްގައި މަހުލޫފްގެ މައްޗަށް ކުރި ޖަލު ހުކުމް ކުށްވެރިކުރާ ކަމަށާއި އޭނާގެ ހުކުމުން ސާބިތުވަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ މީހަކަށް ވެސް ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ވާހަކަ ދެއްކުމުގެ ފުރުސަތު ސަރުކާރުން ނުދޭނެކަން ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ތަރުޖަމާނު ހާމިދު އަބްދުލްގަފޫރު ވިދާޅުވީ މިއަދު ރާއްޖޭގައި ފެންނަމުން ދަނީ ރާއްޖޭގައި ޑިމޮކްރަސީ ނެތި ފަނާވަމުންދާ މަންޒަރު ކަމަށެވެ.
ހާމިދު ވިދާޅުވީ، ސަރުކާރުން ކުރުމަށް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ފުރިހަމަ ކުރުމަށް ދިވެހި ސަރުކާރަށް ބާރު އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމަޢަށް ގޮވާލާ ކަމަށެވެ.
މަހުލޫފް މިދިޔަ އަހަރު ސަރުކާރު ހިންގާ ޕީޕީއެމް އިން ވަކި ކުރި އިރު، އޭނާ މިހާތަނަށް ވެސް ހުންނެވީ އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަނެ އެވެ. އެހެން ނަމަވެސް މަހުލޫފް އަންނަނީ އެމްޑީޕީއާ އެކު ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަމުންނެވެ.
އަދި ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އުފައްދާފައިވާ އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ތަރުޖަމާނުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވެސް މަހުލޫފް އެވެ.