18 Jul 2016, 15:34
ކަސްޓަމްސްގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމާއި މުހިއްމުކަން ގަބޫލުކުރެވޭ ކަމަށާއި އެ މަސައްކަތުގައި ސާބިތުކަމާ އެކު ދެމިތިބުމަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ހޯމް މިނިސްޓަރު އަހުމަދު ޒުހޫރު އިލްތިމާސް ކުރައްވައިފި އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވީ، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް މިއަދު 126 އަހަރު ފުރުން ފާހަގަކުރުމަށް ކަސްޓަމްސް އިމާރާތުގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 126 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ކަސްޓަމްސްގެ މައި އިމާރާތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް
ކަސްޓަމްސް އަކީ ރާއްޖޭގެ އެންމެ ދުވަސްވީ މުއައްސަސާ ކަން ފާހަގަކުރައްވައި ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ މިނިސްޓަރު ޒުހޫރު ވިދާޅުވީ، ކަސްޓަމްސް އަކީ ދިވެހި ދައުލަތުގެ ވަރަށް މުހިއްމު މަސައްކަތްތަކެއް ހީވާގިކަމާ އެކު ކުރާ މުއައްސަސާއެއް ކަމަށެވެ.
އެހެންކަމުން ކަސްޓަމްސްގެ މުވައްޒަފުން މިހާރު ވެސް އަދާކުރަމުން ގެންދާ ބުރަ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމުގައި ސާބިތުކަމާ އެކު ދެމިތިބުމަށް ކަސްޓަމްސްގެ މުވައްޒަފުންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 126 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ކަސްޓަމްސްގެ މައި އިމާރާތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ކަސްޓަމްސް
ދުވަހާ ގުޅިގެން މިނިސްޓަރު ޒުހޫރު ވަނީ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދަށާއި ކަސްޓަމްސްގެ އެންމެހާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގައި ވެސް މިއަދު ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، ދުވަހާ ގުޅޭ ގޮތުން ހާއްސަ ދުއާ އެއްވެސް ވަނީ ކޮށްފަ އެވެ.