18 Jul 2016, 16:13
ސިޑްނީ (ޖުލައި 18) : އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ކެވިން ރުޑް ހާމަކުރައްވައިފި އެވެ.
ރުޑް މިކަން ހާމަކުރެއްވީ އޮސްޓްރޭލިޔާގެ ސަރުކާރަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެސިޓީއާ ހަވާލާދީ އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރާ ޖޮލީ ބިޝޮޕް ވިދާޅުވީ އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތި ލައްވާނެކަން ބަޔާންކޮށް އެކަމުގައި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެން ކެވިން ރުޑް ފޮނުއްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމުގަ އެވެ. އޮސްޓްރޭލިޔާގެ ޓީވީ ސްޓޭޝަނަކަށް ދެއްވި ބަސްދީގަތުމެއްގައި ޖޮލީ ވިދާޅުވީ އޮސްޓްރޭލިޔާ ސަރުކާރުން ރުޑް އަށް ތާއީދުކުރާނެ ކަމުގަ އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ދެވަނަ ދައުރު މި އަހަރު ނިމޭއިރު އެ މަގާމަށް ކުރިމަތި ލައްވާނެކަން ދުނިޔޭގެ ނަންމަޝްހޫރު އެތައް ބަޔަކު ވަނީ އިޢްލާން ކުރައްވައިފަ އެވެ. އެމަގާމަށް ކުރިމަތިލާން ބޭނުންވާކަން އިޢްލާންކުރެއްވި ބޭފުޅުންގެ ތެރޭގައި ބަލްގޭރިޔާގެ ކުރީގެ ޚާރިޖީ ވަޒީރާ އިރީނާ ބޮކޮވާ އާއި ނިއުޒިލޭންޑްގެ ކުރީގެ ބޮޑުވަޒީރާ ހެލަން ކްލާކް އާއި މޯލްޑޯވާގެ ކުރީގެ ޚާރިޖީ ވަޒީރާ ނަތާލިޔާ ގާމެން އާއި ޕޯޗްގަލްގެ ކުރީގެ ބޮޑުވަޒީރު އެންޓޯނިޔޯ ގުޓޭރަސްއާއި ސާބިޔާގެ ކުރީގެ ޚާރިޖީވަޒީރު ވުކް ޖެރިމިކް ހިމެނިވަޑައިގަންނަވަ އެވެ.

ހެލެން ކްލާކް
މީގެ އިތުރުން މެސެޑޯނިޔާގެ ކުރީގެ ޚާރިޖީ ވަޒީރު ސްރުގްޖާން ކަރީމް އާއި މޮންޓެނެގްރޯގެ ކުރީގެ ބޮޑުވަޒީރު އީގޯރު ލުކްސިކް އާއި އާޖެންޓީނާގެ ކުރީގެ ޚާރިޖީވަޒީރާ ސުޒާނާ މަލްކޮރާގެ އިތުރުން އދ.ގެ ބައެއް އިސް މަގާމްތައް މިހާރު ވެސް އަދާ ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން ވެސް އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. (ރޮއިޓާސް)