ކ. ހިންމަފުށީ ކައުންސިލްގެ ފަރާތުން އެ ރަށު ރައްޔިތަކަށް ކޮންމެ އަހަރަކު ވެސް ހައްޖު ދަތުރެއް ދޭން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ހިންމަފުށީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ހައްޖަށް ދިއުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލާފައިވާ ކަމަށާއި ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނީ ކައުންސިލުން ކަނޑައަޅާ ހާއްސަ ކޮމިޓީއަކުން، ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ.

ހިންމަފުށި ކައުންސިލުން އާންމު ކުރި އިއުލާނާ އެކު ނެރެފައިވާ އުސޫލުގައި ބުނީ، ހައްޖު ދަތުރަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ދެ ފަރާތެއް ހޮވޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ގުރުން ހޮވޭ ފަރާތަކީ ހައްޖު ދަތުރަށް ކަށަވަރުވާ ފަރާތް ކަމަށާއި ދެ ވަނަ ފަރާތަކީ ފުރަތަމަ ފަރާތް ހައްޖަށް ދިއުމަށް އުޒުރުވެރިވާ ނަމަ ހައްޖު ދަތުރު ލިބޭ ފަރާތް ކަމަށެވެ.

އެ އުސޫލުގައި ބުނީ ގުރުއަތުން ހޮވޭ ފުރަތަމަ ފަރާތް ނިޔާވެއްޖެ ނަމަ އޭނާގެ ވާރިސުންގެ ތެރެއިން ހުށަހަޅާ ފަރާތްތަކަށް އެ ފުރުސަތު ބަދަލުކޮށްދެވިދާނެ ކަމަށެވެ. އަދި ވާރިސުންގެ ތެރެއިން މީހަކަށް ނޫނީ އިތުރު ފަރާތަކަށް ހައްޖު ދަތުރު ބަދަލުކޮށް ނުދެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އެ އުސޫލުގައި ބުނީ ހައްޖަށް ދިއުމަށް ގުރުއަތުން ހޮވޭ މީހަކަށް، ހިންމަފުށީ ކައުންސިލުން ދިނުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ގެންދާ ހައްޖު ކޯޕަރޭޝަނަށް ދައްކަން ޖެހޭ ފީ އާއި ދަތުރު ހަރަދާއި އަދި މެޑިކަލް ހަރަދު ކަމަށެވެ.

ހިންމަފުށީ ކައުންސިލުން ބުނީ އެއީ އެރަށުގެ ރައްޔިތުންގެ މެދުގައި ފަރުޟު ހައްޖު އަދާކުރުމަށް ހިއްވަރު ދިނުމާއި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ދީނީ ރޫހު އާލާކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.

ހައްޖު ދަތުރަށް އެދޭ ފޯމް ދޫކުރަނީ ހިންމަފުށީ ކައުންސިލް އިދާރާއިންނެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 24 2016 އެވެ.