ވިކްޓަރީ ސްޕޯޓްސް ކްލަބު ހިންގުމުގައި އެކަށިގެންވާ ވަގުތު ނުދެވޭތީވެ އެކުލަބުގެ ޗެއާމަންގެ މަގާމުން އަހުމަދު އަސްއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖްލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ވެސް ކުރައްވަމުން ގެންދަވާ އައްސަދު އިސްތިއުފާ ދެއްވިކަން ކަށަވަރު ކޮށްދެއްވަމުން 'ސަން' އަށް ވިދާޅުވީ މިވަގުތުގެ މަސަތްކަތް ހުރު ގޮތުން ކުލަބަށް އެކަށީގެންވާ ވަގުތު ނުދެވޭތީވެ އަމިއްލަފުޅަށް އިސްތިއުފާދެއްވަން ނިންމެވީ ކަމަށެވެ.

"ދެމަހެއްހާ ދުވަސް ވެއްޖެ މިހާރު ކްލަބުގެ ހަރަކާތްތަކުގެ ނޫޅެވޭތާ. އެހެންވެ ނަމެއްގައި އެމަގާމުގައި ހުންނަން ބޭނުންނުވާތީވެ އެހެން މީހަކަށް ފުރުސަތު ދިނުމުގެ ގޮތުން އިސްތިއުފާ މިދިނީ،" އަސްއަދު ވިދާޅުވި އެވެ.

ވިކްޓަރީގެ ޗެއާމަންގެ މަގާމަށް އަސްއަދު އިންތިހާބުކުރީ މި އަހަރުގެ ޖެނުއަރީ މަހުގައި ބޭއްވި އެ ކްލަބުގެ އިންތިހާބުގަ އެވެ. އަސްއަދުއާ އެކު ވައިސް ޗެއާޕާސަންގެ މަގާމަށް އިންތިހާބުކުރީ ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އާއި އަބްދުﷲ މައުމޫން އެވެ.

ވިކްޓަރީގެ ބޯޑަށް އިންތިހާބުވި އަނެއް ދިހަ ބޭފުޅުންނަކީ ޑރ. އަހްމަދު ނާޝިދު އާއި އައިމިނަތު ސޫޒަން އާއި ދިރާގުގެ ޗެއާމަން މުހައްމަދު އަޝްމަލީ އާއި އިބްރާހިމް ނަޒީމް އާއި އަހްމަދު ނާސިފް އާއި މުހައްމަދު އަނީސް އާއި ވިކްޓްރީގެ ކުރީގެ މެނޭޖަރު އަހްމަދު އަޔާޒް ރަޝީދު އާއި ކްލަބުގެ ކުރީގެ ކީޕަރު ޓްރޭނަރު އަހްމަދު ރިޔާޒް އާއި ކުރީގެ ޑިފެންޑަރު އިބްރާހިމް ޝިނާޒް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އެވެ.