ޓީވީއެމްގައި އެންމެ ދުވަސްވީ އެއް ކެމެރާމަން، މުހައްމަދު އަބްދުލްޣަފޫރު(ކުޑޭ) ކުއްލި ގޮތަކަށް ނިޔާވީ މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެއީ މުޅި ޓީވީއެމްއަށާއި ދިވެހި މީޑިއާއަށް ލިބިގެންދިޔަ ބޮޑު ހިތްދަތިކަމެކެވެ. ހާއްސަކޮށް އާއިލާއަށާއި އެކުވެރިންނަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަސަރެއްކުރި އެކަކަށް ކުޑޭ އާ އެކު 22 އަހަރު ޓީވީއެމްގައި ކެމެރާމަނެއްގެ ގޮތުގައި އުޅޭ މުހައްމަދު ރަޝީދު(ތުއްޓޭ) ހިމެނެ އެވެ. ދައްކަން މިއުޅެނީ ކުޑޭ ނެތް ދުނިޔޭގައި ވެސް އެ ރަހުމަތްތެރި ކަމަށް ތުއްޓޭ ކުރާ އިހުތިރާމްގެ ވާހަކަ އެވެ.

ކުޑޭ ނިޔާވި އިރު އަންބަކާއި 18 އަހަރު ނުފުރޭ ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ. ބައްޕައެއްނެތުމުން އެކުދިންނަށް ދިމާވެދާނެ ދަތިކަން ހައްލު ކުރަން މިއަދު ނުކުމެ ހުރީ ތުއްޓޭ އެވެ. ކުޑޭ ނިޔާވިތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ކުޑޭގެ ދަރިން ސްކޫލަށް ގެންދިއުމާއި އެހެނިހެން ކަންކަމުގައި ތުއްޓޭ ދަނީ ނަމޫނާ ދައްކަވަމުންނެވެ. އެތައް ބައެއްގެ ދުލުން މިކަން ޔަގީންކޮށްދެ އެވެ. އެހެން ނަމަވެސް ތުއްޓޭ މީޑިއާއަށް އެކަން ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ.

"ވަރަށް ގާތްކޮށް ދެކެނީ، އޭނާ ނިޔާވީމަ މަށަށް އިނގޭ ދެ ކުދިން ތިބޭކަމާއި ސްކޫލު ދޮށަށް ދާންޖެހޭކަން،" މިހާރު ޓީވީއެމްގައި ހުރި އެންމެ ދުވަސްވީ ކެމެރާމަން ތުއްޓޭ ވިދާޅުވި އެވެ.

ތުއްޓޭއަކީ ޓީވީއެމް އިން ރައީސުލްޖުމްހޫރިއްޔާގެ އިވެންޓުތަކަށާއި ހާއްސަ އިވެންޓްތަކަށް ކަނޑައަޅާފައިވާ ކެމެރާމަނެވެ. ވަޒީފާ ބުރަވެފައި ޒިންމާ ވަރަށްބޮޑެެވެ. ނަމަވެސް އެވަރުން ވެސް އެކުވެރިޔާއަށް ޓަކައި އެކުވެރިޔާގެ ދަރިންގެ ޒިންމާ އޭނާ ބަލަހައްޓަ އެވެ. މަންޒަރު ފެންނަ މީހުން ކިޔައިދޭ ގޮތުގައި ސްކޫލު އޮންނަ ކޮންމެ ދުވަހަކު ތުއްޓޭ، ޖަމާލުއްދީންގައި އުޅޭ ކުޑޭގެ ދަރިން ގަޑިޔަށް ސްކޫލަށް ގެންދެ އެވެ. ކުޑޭގެ ދަރިން ސްކޫލަށް ގެންދާ އިރު ތުއްޓޭ ދަނީ އޭނާގެ ދަރިން ވެސް ސްކޫލަށް ގެންދަމުންނެވެ.

ބުރަގަޑިއެއްގައި މީހަކު ކަމަކު ކިޔައިފި ނަމަ ގިނަ މީހުންގެ އާދައަކީ މިއަދު އެކަމެއްނުވާނެ ކަމަށްބުނުމެވެ. ނަމަވެސް ތުއްޓޭ ތަފާތެވެ. އޭނާއަކީ ރައީސް އަށް ހާއްސަ ކެމަރާމަނަށް ވުމުން ރާއްޖެ އިން ބޭރަށާއި އަތޮޅުތެރެއަށް ގިނަ ދަތުރުތަކެއް ކުރަންޖެހެ އެވެ. އޭނާގެ ތަފާތު ކަމަކީ ކޮންމެ ދަތުރަކަށް ފުރުމުގެ ކުރިން ކުޑޭގެ ދަރިންގެ ކަންކަން މީހަކާ ހަވާލުކޮށްފައިދިއުމެވެ.

ޕީއެސްއެމްގެ އެޑިޓަރު މުހައްމަދު އަފްޒަލް ވިދާޅުވި ގޮތުގައި ތުއްޓޭ މަސައްކަތުގައި ބުރަވެގެން ނުދެވޭ ދުވަސް ދުވަހު އޭނާ އަށް ގުޅައިގެން ކުޑޭގެ ދަރިންގެ ކަންކަން ހަމަޖައްސާ ކަމަށާއި އެއީ ނަމޫނާއެއް ކަމަށެވެ. އަފުޒަލް އޭނާގެ ދަރިން ސްކޫލަށް ގެންދާއިރު ތުއްޓޭ ކުޑޭގެ ދަރިން އުފުލާ މަންޒަރު ފެންނަކަމަށް އަފްޒަލް ވިދާޅުވި އެވެ.

"ތުއްޓޭ އެކަން މިސްކޮށްލަން ބޭނުންނުވާ މިންވަރަކީ ތުއްޓޭއަށް ނުދެވިއްޖެއްޔާ އެބަކުރުވާ އެހެން މީހަކުލަށްވާ ވެސް އެކަން، ސަމާލުކަންދޭ އެކަމަށް،" އަފްޒަލް ވިދާޅުވި އެވެ.

އެކުވެރިކަމުގައި ތުއްޓޭގެ ފަރާތުން މިފެނުނީ ވަރަށް ވެސް އަގުހުރި ނަމޫނާއެކެވެ. އެކުގައި ކަމެއްކޮށްދެވެން ނެތް ދުވަހު ވެސް އޭނާގެ އެކުވެރިޔާ ދުލެއްނުކުރި އެވެ. އެކުވެރިޔާއަށް ޓަކައި ދަރިންގެ ޒިންމާ އެދަނީ އުފުލަމުންނެވެ.