އިނގިރޭސި ވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީސް (ޚާރިޖީ ވުޒާރާ)ގައި ކޮމަންވެލްތާ ބެހޭ ސްޓޭޓް މިނިސްޓަރުގެ ގޮތުގައި ކޮންޒަވޭޓިވް ޕާޓީގެ މެމްބަރު އެލަން ޑަންކަން އައްޔަނު ކުރައްވައިފި އެވެ.

އިނގިރޭސި އާ ބޮޑުވަޒީރާ ތެރީސާ މޭގެ ސަރުކާރުގައި އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް އާ ބޭފުޅަކު އައްޔަނު ކުރީ، އެ މަގާމުގައި ކުރިން ހުންނެވި ހޫގޯ ސުވަޔާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެލަން ޑަންކަން އައްޔަނު ކުރައްވާފައި ވަނީ ފޮރިން އެންޑް ކޮމަންވެލްތުގެ ދަށުން އިރުމަތީ އޭޝިއާ، އިރު ދެކުނު އޭޝިއާ، ދެކުނު އޭޝިއާ، އިންޑިއާ، ނޭޕާލް، ލެޓިން އެމެރިކާ، ޑޮމިނިކަން ރިޕަބްލިކް، ހެއިޓީ، ކިއބާ، ފޯކްލޭންޑް އައިލެންޑްސް، އޮސްޓްރެލޭޝިއާ އަދި ޕެސިފިކް ގައުމުތަކަށް ޚާއްސަ ސްޓޭޓު މިނިސްޓަރުގެ މަގާމަށެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖެ ވެސް ހިމެނޭނެ އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ބޯރިސް ޖޯންސަންގެ ދަށުން މަސައްކަތް ކުރެއްވުމަށް ޑަންކަން އައްޔަނު ކުރައްވާފައިވާ އިރު، މީގެ ކުރިން ޑަންކަން ވަނީ ބޯރިސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މައްސަލަތަކުން ފުރިފައި ހުންނެވި އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލެސްކޯނީއަށް ނިސްބަތްކޮށް، ޑަންކަން ވަނީ ބޯރިސްއަށް "ބޯރިސްކޯނީ"އޭ ވިދާޅުވެ ހަޖޫ ޖައްސަވައިފަ އެވެ.

ތެރީސާ މޭގެ ސަރުކާރުގެ ފޮރިން އޮފީހުގެ ސްޓޭޓު މިނިސްޓަރުކަމަށް އައްޔަނު ކުރި އެލަން ޑަންކަންއަކީ، އިނގިރޭސިން ވިލާތުގެ އިއްތިހާދު (އީޔޫ)އިން ވަކިވުމަށް ހިންގި ކެމްޕޭނާ ދެކޮޅަށް، އަދި ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންއާ އެކުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކޮމަންވެލްތާ ބެހޭ މިނިސްޓަރުގެ ގޮތުގައި އެލަން ޑަންކަން އައްޔަނު ކޮށްފައިވާ އިރު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑު ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފަ އެވެ.