ކޮލަމްބޯ (ޖުލައި 18): ހިޔާނާތުގެ މައްސަލައެއްގައި ހައްޔަރު ކުރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

ރަގްބީ މުބާރާތެއް ސްޕޮންސާ ކުރުމަށް އިންޑިއާގެ ކްރިޝް ކުންފުނިން ދިން 70 މިލިއަން ރުޕީސް (ފަސް ލައްކަ ވަރު ޑޮލަރު) އަމިއްލަ ބޭނުމަށް ބޭނުން ކުރި ކަމުގެ ތުހުމަތުގައި ލަންކާ ފުލުހުންގެ ފައިނޭންޝިއަލް ކްރައިމްސް އިންވެސްޓިގޭޝަންސް ޑިވިޝަން (އެފްސީއައިޑީ)ން ނަމާލް ހައްޔަރު ކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ނަމާލް މިއަދު ދޫކޮށްލާފައި ވަނީ ކަފާލާތުގެ ގޮތުގައި 50،000 ރުޕީސް ދިނުމުންނެވެ. އޭނާ ދެން ކޯޓަށް ހާޒިރު ވާން ޖެހޭނީ އޮގަސްޓު އަށެއްގަ އެވެ. އަދި ކޯޓުން ވަނީ އެ މުއްދަތުގައި ނަމާލް އަށް ބޭރު ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް އަތުލާފަ އެވެ. (ނިއުސްރޭޑިއޯ)