23 May 2011, 14:30
ވިލިމާލެއިން: ހުސައިން ހަސަން
މިރަށަށް އާދެވުމުން ގަޑިއަށް ބަލައިލީމެވެ: އަށް ގަޑި ބައި ވަނީ އެވެ. މަގުން ހިނގައިގަތްތަނާ އިވުނީ އަންހެނަކު ވާހަކަ ދައްކާ އަޑެވެ؛ "އާދޭ އެތެރެއަށް ވަންނަން، ތިހެން ނޫޅޭ! މިހާރު ގުޅައިފިން ފުލުހުންނަށް ވެސް. އެހެން ނޫނީ ފުލުހުން ގެނެސްގެން ވައްދަންޖެހޭނީ!"
އަޑު އިވުމުން އަހަރެން އެދިމާއަށް ސަމާލުކަން ދިނީމެވެ. މިހާރު މިހުރެވުނީ މިރަށުގެ ކުޑަކުދިންގެ ހިލާ ވަރަށް ކައިރިއަށް އާދެވިފަ އެވެ. އަހަންނަށް ފެނުނީ މަގުމަތީގެ ހޮޅިދަނޑިއެއްގައި ލެނގިލައިގެން ހުރި ފުރާވަރުގެ އަންހެންކުއްޖަކާ އެ އަންހެން މީހާ ވާހަކަ ދައްކާތަނެވެ. ހީވާ ގޮތުން ހޮޅިދަނޑިއަށް ލައްވެފައި ހުރީ 15 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ދެކެވުނު ވާހަކަތަކާއި މަންޒަރު އޮތް ގޮތުން އެއީ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުއްޖެކަށް ކަށަވަރުވި އެވެ. އަންހެން ކުއްޖާ ހުރީ އިސް ދަށަށް ޖަހައި ހަށަން ބަނދެންގެނެވެ. ފުންކޮށް އަވަސް ނޭވާތައް ބޭރު ކުރަމުން ދިޔައެވެ. ހުރީ ވަރަށް ބޮޑު ހާސްގަނޑެއްގެ ތެރެއަށް ގެނބި، ރުޅިވެސް ގަދަވެފަ އެވެ.
ހިޔާގެ މުވައްޒަފުން އެދެމުން ދިޔައީ އެމީހުންގެ ހިމާޔަތަށް، ހިޔަލަށް ދިއުމަށެވެ. އެތާނގައިހުރި އަންހެން މީހާ އެ ކުއްޖާގާތަށް ދާން ފެށި އެވެ؛ "ނޫން، ނޫން، ނާދޭ، އަހަރެން ކައިރިއަށް، މި ބުނީއެއްނު ތިތަނަން )ކުޑަ ކުދިންގެ ހިޔާއަށް( ނުވަންނާނަމޭ،" އަންހެން ކުއްޖާ ބާރަށް ބުންޏެވެ. ދެން ކުއްލިއަކަށް ފެނުނީ އެ ކުއްޖާ ދުއްވައިގަތްތަނެވެ. ވަރަށް ބާރަށެވެ.
މިރަށަށް އައި ބޭނުން ދޫކޮށްލުމަށްފަހު އަހަރެން ބޭނުންވީ މަންޒަރު ބަލާށެވެ. ހިޔަލުގެ ކުދިން ފެންލައިޓާއި ފާރާއި ގޭޓުމަތިން ފުންމާލައިގެން ފިލާ ވަހަކައާ ރަށުތެރެއަށް ގޮސް "ބިޓުހިއްލާ" ވާހަކަ އަހަރެން އަޑު އަހަމެވެ. އެކަންކަމާ ޖެންޑާ ޑިޕާޓްމަންޓުގައި އަހަރެން ސުވާލު ކުރުމުން މީގެ ކުރިން "އެފަދަ ކަމެއް ނުހިނގައޭ" ބުނަމުންދިޔަ ނަމަވެސް އިވޭ އަޑުތައް އަހަރެން ލޯމަތީގައި މިއޮށް ތަމްސީލު ވަނީ އެވެ.
"މިބުނީނު ނުވަންނާނަމޭ، ބޭނުމެއް ނޫނޭ!" އަންހެން ކުއްޖާ ދުވަމުން ވަރަށް ބާރަށް ގޮވަމުން ދިޔަ އެވެ.
ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ދެ ތިން އަންހެން މުވައްޒަފުނަށް އެ އަންހެން ކުއްޖާ ހިޔަލަށް ވެއްދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ. އެތައް ހަކަތައް ބޭރުކޮށް "ހެދުން ތެންމާލަން" ޖެހުނެވެ. އަންހެން ކުއްޖާ އެމީހުންގެ އަޑު އަހާކަށް ބޭނުމެއް ނުވެ އެވެ. ބޭނުން ނުވަނީ ކުޑަކުދިންގެ ހިޔަލޭ ކިޔާ ތަނަށް، އެމީހުންގެ ހިމާޔަތަށް އެނބުރިދާން ބޭނުން ނުވާތީ އެވެ. އެ ދެކޮޅުވެރި ކަމާއެކު އެ ސަރަހައްދުގެ މަގުތަކުގައި ބާރުބާރަށް ދުވުނީ އެވެ. ދޭތެރެ ދޭތެރެއިން ފިލަ އެވެ. އޭނާ ފިލަން ދުވުނު އިރު މަގުމަތިން އެކި މީހުންނާއި އެއް ފުރާގައި ކުދިންނާއި ގްރޫޕްތަކުން ފޮށި، އެކި ކަހަލަ ބަސްތައް ގޮވާފައި ވެއެވެ.
ދެން ފެނުނީ ފުލުހުން އައިތަނެވެ. އަހަރެން ހަމަ ބަލަން ހުއްޓައެވެ. ދެ ފުލުހަކު އައިސް ކުޑަކުދިންގެ ހިޔަލަށް ވަން އިރު އަންހެން ކުއްޖާ ވަނީ އެތައް އިރަކު ދުވުމަށް ފަހު ފިލާފަ އެވެ. ކުޑަކުދިންގެ ހިޔާގެ އެހީތެރިން އެ ކުއްޖާވާނެ ހިސާބު ކިޔައިދިނުމުން އެއް ފުލުހަކު ނައްޓައިލީ ސައިކަލުގަ އެވެ. ދެވަނަ ފުލުސް މީހާ ހިނގާފަ އެވެ. ފުލުހުން ހޯދުމުގެ މަސައްކަތް ފެށުމާއެކު އަންކުއްޖާ އެ ސަރަދުގެ މަގަށް ނުކުމެ އަމިއްލައަށް ފުލުހުންނާ ހަވާލުވި އެވެ. އަދި ރުޅިވެރި ކަމާއެކު، އަނބުރާ ކުޑަކުދިންގެ ހިޔަލަށް ވަނެވެ. އެހިސާބުން ފުލުހުންގެ ދައުރު ނިމުނީ އެވެ. އެމީހުން ދިޔައީ އެވެ.
އޭގެ ފަހުން ދެން ފެނުނީ ވެސް ހަމަ އެމަންޒަރެވެ؛ ފުލުހުން ދިއުމާއެކު ބަންދުކޮށްފައި ހުރި ގޭޓްމަތިން ފުންމާލައިގެން ފިލަން އަންހެން ކުއްޖާ މަސައްކަތް ކުރި އެވެ. ނަމަވެސް އެހީތެރިން އެކުއްޖާ ހިފެއްޓުމުން ފާރުމަތިން ދެވޭ ގޮތެއް ނުވި އެވެ. އަހަރެން ހުރީ ހިޔަލުން ބޭރުގަ އެވެ. އެމީހުން އެތެރޭގަ އެވެ. އިވެނީ ހަމައެކަނި އަޑެވެ. އެހީތެރިންނާއި އަންހެން ކުއްޖާގެ ގަދަ އަޑެވެ. ބޭރުގައި އަހަރެން މަޑުކޮށްލައިގެން ހުރިއިރު "ގައިގަ އަތް ނުލާ، މަށެއް ނޫޅެމޭ. އޭ އޭ އޭއްޔޭ،" ގޮވާ އަޑު ބާރަށް އިވެ އެވެ.
ކުޑަކުދިންގެ ހިޔާގެ އިސް މުވައްޒަފަކު ވިދާޅުވި ގޮތުގައި އެއީ އަބަދުވެސް ހިނގަމުން އަން ކަމެކެވެ. ހިޔާގެ ހިމާޔަތުގައި ތިބޭ ބައެއް ކުދިން ހިޔަލުން ނުކުމެ ފިލައިގެން ދިއުމުން ފުލުހުންގެ އެހީތެރިކަމާއެކު ހޯދައިގެން ގެންނަން ޖެހެ އެވެ.
"އެއީ އާންމުކޮށް ވާކަމެއް. އަސްލު ވާގޮތަކީ ބޮޑުވަމުންއަން ކުދިން ކަމަށް ވުމާއެކު، އެހެން ނުކުމެ އުޅެން ބޭނުންވަނީ. ނަމަވެސް ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނެއް އަޅުގަނޑުމެނަކަށް އެހެން ފޮނުވައެއް ނުލެވޭނެ،" ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ އިސް މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް މިއަދު ބުންޏެވެ. )އެތަނާ ބެހޭ އެއްވެސް ވާހަކައެއް އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމަށް މުވައްޒަފުންލައްވާ އޮންނަނީ އިގުރާރެއްގައި ސޮއި ކުރުވާފަ އެވެ(
އޭނާ ބުނީ އެ ގޮތަށް އެ ކުދިން ބޭރަށް ނުކުމެގެން ދިއުމުން، ބައެއް ކުދިންނަށް އެކި ޒާތުގެ އަނިޔާ އެ ސަރަހައްދުގައި އުޅޭ ގްރޫޕްތަކުން ކުރާ ކަމަށެވެ. އަދި ހިޔަލުގައި އުޅެ ފުރާވަރުގެ އަންހެން ކުދިންނާ ދިމާލަށް އެ މީހުން "ކަޅިއަޅައަޅައިގެން" ތިބޭ ކަމަށެވެ.
ކުޑަ ކުދިންގެ ހިޔާ ކުރި މަތީގައި ހުންނަ ސިފައިންގެ ފްލެޓްގައި ދިރިއުޅޭ މީހަކު ބުނީ ކުޑަކުދިންގެ ހިޔާގެ ތެރޭގައި އުޅޭ ފުރާވަރުގެ ކުދިން ފާރުމަތިންނާއި ގޭޓުމަތިން ފުންމާލައިގެން ރަށުތެރެއަށް ނުކުތުމާއި އެނބުރި އެތެރެއަށް ވަނުމަށް އިންކާރު ކުރާ މައްސަލަ އަބަދުވެސް ފެންމަތިވެފައި އޮންނަ ކަމަށެވެ.
"އެއީ އެތާނގެ އާދައެއް! އެތާނގައި ބޮޑު ކުރާ ފިރިހެން ކުދިން ވެސް އަދި އަންހެން ކުދިން ވެސް އެ ގޮތަށް އެތަނަށް ނުވަނަން އުޅޭ މަންޒަރު، އަބަދުވެސް ފެނޭ" އޭނާ ބުންޏެވެ.
ކުޑަކުދިންގެ ހިޔަލާ ބެހޭ ގޮތުން މިހާތަނަށް އިވެމުން ދިޔަ އަޑުތަކާއި މިރަށުގައި އަހަރެން ލޯމަތީ ތަމްސީލުވި މަންޒަރުތަކުން އުފެދުނު ސުވާލަކީ ކުޑަކުދިންގެ ހިޔަލަކީ، ކުޑަކުދިންނަށް ހިޔާ އަޅައިދޭ ތަނެއް ހެއްޔެވެ؟ ނޫނީ ހިޔާނާތް ވަމުންދާ ތަނެއް ހެއްޔެވެ؟ މިތަނުގެ ހަގީގަތާމެދު ސުވާލު ނޫފެދޭ ހެއްޔެވެ؟ ސިއްރުތަކެއް ފޮރުވިފައި ނުވޭ ހެއްޔެވެ؟ ފެނުނު ހުރިހާ ކަމެއް ނިމި ހަމައެކަނި އަޑަށް ބަދަލުވުމުން އަހަރެން އަނެއްކާވެސް ގަޑި ބަލައިލީމެވެ؛ ގަޑި ދިހައްޖަހައި ބޮޑުވީ އެވެ. ދިޔަ ބޭނުން ފުއްދާނެ ވަގު ނެތުމުން އެބުރި މާލެ އައީ އެވެ.