18 Jul 2016, 14:26
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުން މުހައްމަދު ނަޒީހު އިސްތިއުފާ ދީފި އެވެ.
ވިކްޓަރީގެ ކޯޗުކަމުން އިސްތިއުފާ ދީފައިވާކަން 'ސަން'އަށް ނަޒީހު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނަޒީހު ބުނީ އޭނާ އިސްތިއުފާދީފައި ވަނީ މި އަހަރުގެ ލީގުގައި ރަނގަޅު ނަތީޖާތަކެއް ވިކްޓަރީ އަށް ނެރެވެމުންނުދާތީ ކްލަބުގެ މެނޭޖްމަންޓާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
ނަޒީހު އަކީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ޔުނައިޓެޑް ވިކްޓަރީ އަށް ކާމިޔާބުކޮށްދީ، އެ ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ކޯޗެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ އޮތީ ތާވަލުގެ ހަތް ވަނާގައި ކުޅުނު އަށް މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ. ލީގުގައި ވިކްޓަރީ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އޭގެ ތެރެއިން އެއް މެޗުން އެއްވަރުވި އިރު، ވިކްޓަރީ ކުޅުނު ހަ މެޗަކުން ވަނީ ބަލިވެފަ އެވެ.