ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި ބުނެފައިވާ ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރުމުގެ ބާރު މިނިސްޓަރުންނަށް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި އިސްލާހު ފާސްވީ މިއަދު މަޖިލީހަށް ވަޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް ވޯޓު ދިނީ 22 މެމްބަރުންނެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މީހުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރާ އިރު އެ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެ ހުންނަވާ މިނިސްޓަރެއްގެ ލަފާ ހޯދަން ޖެހެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.

އެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ، އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތަކާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެ ދިނުން ކަމަށެވެ.

ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ލަތީފު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރެވިގެން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާއި، ސަރުކާރުން ތާއީދުކުރި މި ބިލަށް ޕީޕީއެމްގެ މެމްބަރު، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ އެވެ. ފާރިސް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ސިވިލް ސާވިސްއަށް ސިޔާސީ ނުފޫޒު ފޯރައި މުވައްޒިފުންގެ ވަޒީފާ ރައްކާތެރިކަން ގެއްލޭނެ ކަމަށެވެ.