18 Jul 2016, 14:01
އަލްމަޓީ (ޖުލައި 18): ކަޒަކިސްތާނުގެ އަލްމަޓީގައި ޕޮލިސް ސްޓޭޝަނަކަށް ބަޑިން ހަމަލާދީ ތިން ފުލުހަކާއި އިތުރު މީހަކު މަރާލާފައިވާ އެގައުމުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އެ ހަމަލާދިން މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ އިރު ދެ ވަނަ މީހާ ވަނީ ފިލާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެހަމަލާއާ ގުޅިގެން ކަޒަކިސްތާނުގައި ވަނީ އެންޓި ޓެރާ ރެޑް އެލާޓެއް ނެރުމަށް ފަހު އެންޓި ޓެރަރިޒަމް އޮޕަރޭޝަނެއް ލޯންޗްކޮށްފަ އެވެ.
ކަޒަކިސްތާނުގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އެހަމަލާގައި އަނިޔާވި 10 މީހަކަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ކަޒަކިސްތާނުގެ ހުޅަނގުގައި ހުންނަ އަސްކަރީ ބޭސްއަކަށް ހަނގުރާމަވެރިންތަކެއް މިދިޔަ މަހު ދިން ހަމަލާގައި ހަތް މީހަކު މަރުވެ 37 މީހަކަށް އަނިޔާވި އެވެ. (އާރުޓީ)