ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރާ އިރު އެ މިނިސްޓްރީއެއް ހިންގުމާ ހަވާލުވެ ހުންނަވާ މިނިސްޓަރެއްގެ ލަފާ ހޯއްދަވާ ގޮތަށް ފާސްކުރުމުން އެކަމަށް ސިޔާސީ ނުފޫޒު ފޯރައި މުވައްޒިފުންގެ ވަޒީފާ ރައްކާތެރިކަން ގެއްލޭނެ ކަމަށް ސަރުކާރަށް ނިސްބަތްވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އެބިލަށް މިއަދު ވޯޓަށް އަހަން ނިންމާފައިވާއިރު ފާރިސް ވިދާޅުވީ އެއިސްލާހު ފާސްވުމާއެކު ސިވިލް ސާވިސް ވަކި ފަރާތަކަށް ނުޖެހި އޮންނަ އޮތުން ގެއްލިގޮސް ތައުލީމާއި ތަޖރިބާގެ މައްޗަށް ބިނާކޮށް ޕީއެސްއިން އައްޔަން ކުރުން މުޅީން ބަދަލުވާނެ ކަމަށެވެ.

"ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ގެއްލިގެންދާނެ." ފާރިސް ވިދާޅުވިއެވެ.

އެބިލް ފާސްކުރުމަށް ކޮމެޓީން ވަނީ ނިންމާފައެވެ. ފާރިސް ސަރުކާރުން ހުށައެޅި އެބިލަށް ދެކޮޅު ހަދާފައިވާއިރު އޭނާ ވަނީ މީގެ ކުރިން ސަރުކާރުން ހުށައެޅި ބިޑުކުރުމެއްނެތި ރަށްތައް ދޫކުރާ އިސްލާހާއި ދެކޮޅަށްވެސް ވޯޓްދީފައެވެ.

ސިވިލް ސާވިސްގެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ މަގާމަށް މީހުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ޕާމަނަންޓް ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.