18 Jul 2016, 14:10
ޑިސެމްބަރު މަހު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގއ. ގެމަނަފުށީގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމް ކުރުމަށް ނިންމައިފި އެވެ.
އެކަން ކުރުމަށް ނިންމައި ގެމަނަފުށީގެ ފަރާތުން މިފްކޯ އަށް ވަނީ މިއަދު ބިން ހަވާލުކޮށްފަ އެވެ. މިފްކޯގެ ފަރާތުން އެއެއްބަސްވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް އެވެ. ގެމަނަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޢަބްދުﷲ ޝިޔާން އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ ވިދާޅުވީ ގެމަނަފުއްޓަކީ ތަފާތު މަހުގެ ބާވަތްތައް އުފައްދާ ރަށަކަށް ވާއިރު އެއައިސް ޕްލާންޓާއެކު އެކަން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
ގާތްގަނޑަކަށް 3.75 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަހައްޓާ އެޕްލާންޓް ހިންގުމަށް ނިންމާފައި ވަނީ މިފްކޯއިންނެވެ.
އެހަފްލާގައި ވާހަކަދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ މިއީ އެދާއިރާގައި ބެހެއްޓޭ ދެ ވަނަ އައިސް ޕްލާންޓަށްވާ އިރު އެއާ އެކު އެރަށާއި އެރަށް ކައިރި މަސްވެރިންނަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
މިފްކޯގެ ބިޒުނަސް ޑިވެލޮޕްމެންޓުގެ މެނޭޖަރު މުހައްމަދު ޝަމީމް ވިދާޅުވީ އެކުންފުނިން ނުވަ އައިސް ޕްލާންޓެއް ބަހައްޓަން ނިންމާފައިވާއިރު އޭގެ ތެރެއިން ހަތް ޕްލާންޓެއްގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.