ފުލުހުންގެ ދައުރު އަދާ ކުރަން ދަތިކުރި ކަމަށް ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މަހުލޫފު ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންގެ ބަންދުގައި ހުންނެވިއިރު، ފުލުހުންނަށް ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމާ ގުޅިގެންނެވެ.

މަހުލޫފު ޖަލަށްލާން ހުކުމް ކުރި ނަމަވެސް، އޭނާ މަޖިލީހުގައި ތަމްސީލު ކުރައްވާ ގޮނޑިއެއް ނުގެއްލޭނެ އެވެ. މަޖިލީހުގެ ގޮނޑި ގެއްލޭނީ އެއް އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަމުންނެވެ.

މަހުލޫފުގެ މައްޗަށް މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އެޕްރީލު މަހުގެ ތިން ވަނަ ދުވަހު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށްފަހު، ކޯޓުން ނެރުނު ވަގުތު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި ފިލަން ދުވެފައިވާ ކަމަށް ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އިބްރާހިމް ހުކުމް އިއްވަމުން ވިދާޅުވީ އެ ކުށް އޭނާގެ މައްޗަށް ސާބިތުވުމުން ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ކުށުން ކުށްވެރިވެފައި ވާތީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.

މަހުލޫފުގެ މައްޗަށް ކުރި ޖިނާއީ ދައުވާ ސާބިތުވިއިރު، އޭނާގެ މައްޗަށް އިތުރު އެހެން ދައުވާއެއް ވެސް ވަނީ އުފުލާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާގައި ބުނެފައި ވަނީ ފުލުހުން މަގު ބަންދު ކުރުމަށް ޖަހާފައިވާ ބެރިކޭޑުތަކެއް ފޫއަޅުވާލައި ފުލުހުންގެ ދައުރު އަދާ ކުރަން ހުރަސް އަޅާފައިވާ ކަމަށެވެ.

އެ ދައުވާ ސާވިތުވެއްޖެނަމަ އަނެއްކާވެސް ޖަލު ހުކުމެއް އަންނާނެ އެވެ. ނަމަވެސް ހަ މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ނާންނާނެ އެވެ.

މަހުލޫފު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މުއްދަތުގައި އޭނާއަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައި ނުގެންނެވޭނެ އެވެ.

-----------

މި ޚަބަރާ ގުޅޭ