ފޭސްބުކްގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ކޮންޓެންޓު ޕޯސްޓު ކުރާ މީހުން ހޯދުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ކުރަމުން އެބަ ދެ އެވެ.

ޖަރުމަނުގެ ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް 60 ގެއެއް ފުލުހުން ރެއިޑު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނާ ގޮތުގައި، މި މަސައްކަތުގެ އަމާޒަކީ އިންޓަނެޓު މެދުވެރިކޮށް ރުޅިވެރިކަން ފެތުރުމާއި ހައްދު ފަހަނަ އެޅުމުގެ އަމަލުތައް ގިނަ ވަމުން ދާތީ އެކަން ހުއްޓުވުމެވެ.

އެގޮތުން، ޖަރުމަނުގެ ކުރީގެ ޗާންސެލާ އެޑޮލްފް ހިޓްލަރުގެ ޒަމާނުގައި އެގައުމުގެ ސަރުކާރުން ގެންގުޅުނު ނާޒީ ހަރަކާތްތަކާއި ޔަހޫދީންނާ ދެކޮޅަށް އޮތް ތަފާތު ކުރުމާއި ނަސްލީ އިމްތިޔާޒު ފަދަ ކަންކަމަށް ހިތްވަރުދޭ ގޮތަށް ފޭސްބުކްގައި ވާހަކަ ދައްކާ މީހުން ހޯދައި، ފިޔަވަޅު އަޅާނެ ކަމަށް ޖަރުމަނު ފުލުހުން ބުނެ އެވެ.

ޖަރުމަނު ފުލުހުން ބުނާ ގޮތުގައި މި ވާހަކަތައް ފޭސްބުކްގައި ދެކެވިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި ނޮވެމްބަރު މަހާ ދެމެދު، ފޭސްބުކްގެ ސިއްރު ގުރޫޕެއްގަ އެވެ. މި ވާހަކަތައް ދެއްކި މީހުން ފުލުހުން ދެނެގަތް އިރު، އެމީހުންނަކީ ޖަރުމަނުގެ ތަފާތު 14 ޕްރޮވިންސެއްގައި ދިރިއުޅެމުން ދިޔަ ބައެކެވެ.

ނަސްލީ އިމްތިޔާޒާއި ނަސްލަކާ ގުޅުވައިގެން ނަފްރަތު އުފެއްދުމަށް ހިތްވަރު ދިނުމަކީ ޖަރުމަނުގެ ގާނޫނުތަކުގެ ދަށުން ކުށެކެވެ. އަދި ގައުމީ، ނަސްލީ، ދީނީ ނުވަތަ އެހެން ގޮތަކުން ވެސް މީހަކާ ނުވަތަ ބަޔަކަށް ނަފްރަތު އުފެއްދުމުގެ ކުށް ސާބިތުވެއްޖެނަމަ އެކަމެއް ކުރި މީހަކު ފަސް އަހަރަށް ޖަލަށް ލެވޭނެ އެވެ.