18 Jul 2016, 12:26
ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅެމުންދާ ޗެލްސީގެ ކުރީގެ ފޯވަޑް ޑެމްބަ ބާގެ ފަޔަށް ބޮޑު އަނިޔާއެއް ވެއްޖެ އެވެ.
ޑެމްބަ ބާގެ ފަޔަށް އަނިޔާވެފައި ވަނީ ޗައިނީސް ސުޕާ ލީގުގައި އިއްޔެ ވާދަވެރި ޝަންހާއީ އެސްޕީއައިޖީއާ ދެކޮޅަށް ކުޅެ 2-1 ލަނޑުން މޮޅުވި މެޗުގެ ދެވަނަ ހާފުގެ ތެރޭގަ އެވެ.
ޑެމްބަ ބާ އަށް އަނިޔާވީ އޭނާ އަތުން ބޯޅަ ހޯދުމުގެ ތެރޭގައި ޝަންހާއީ އެސްޕީއައިޖީގެ ސުން ޒިއަންގްގެ ފައިން ޑެންބަ ބާގެ ފައިގައި ޖެހުމުންނެވެ. ޑެމްބަ ބާގެ ފައިގައި ޖެހުމާ އެކު އޭނާގެ ފައި އެނބުރި، ބިންދައިގެން ގޮސްފައިވެ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ޝަންހާއީ ޝެންހުއާގެ ކޯޗު ގްރެގޯރިއޯ މަންޒާނޯ ބުނީ، އެއީ ނުރައްކާތެރި ޓެކަލްއެއް ކަމަށާއި އޭގެ ސަބަބުން ޑެމްބަ ބާގެ ފުޓްބޯޅަ ކެރިޔަރު ނިމުމަކަށް ވެސް އަތުވެދާނެ ކަމަށެވެ. އަދި މެޗުން މޮޅުވުމަށް ވުރެ، ޑެމްބަ ބާ އަށް އަނިޔާނުވުން އޭނާ އަށް ރަނގަޅު ކަމަށް ވެސް ބުންޏެވެ.
ކުރިން ވެސްޓް ހާމް ޔުނައިޓެޑާއި، ނިއުކާސަލާއި ޗެލްސީ އަދި ބެސިކްޓާސް އަށް ކުޅުނު ފޯވަޑް ޑެމްބަ ބާ ވަނީ މި އަހަރުގެ ޗައިނީސް ސުޕާ ލީގުގައި ކުޅުނު 18 މެޗުން 14 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.