ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖަލުތަކުގައި ގައިދީންނަށް ލާއިންސާނީ އަނިޔާތައްދީފައިވާ ކަމަށް ބުނެ، އިންސާފު ހޯދައިދިނުމަށް ގޮވާލައި ޝަރުއީ ކޯޓްތަކުގެ ދޮށުގައި އެމްޑީޕީން މިއަދު މުޒާހަރާ ކުރަންފަށައިފި އެވެ.

މިއަދު 1:00 ޖަހާ އެހާކަންހާއިރު ފެށި މުޒާހަރާގައި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމެލީ ކޯޓް ހިމެނޭ ޖަސްޓިސް ބިލްޑިންގެ ކުރިމަތީގައި މުޒާހަރާ ކުރި މީހުން ގޮވާފައި ވަނީ ޝަރުއީ ނިޒާމުގެ ތެރެއިން މާޒީއަށް އިންސާފު ހޯދައިދިނުމަށެވެ. އަދި އެކަން ނުކުރެވޭ ކަމުގައިވާ ނަމަ ފަނޑިޔާރުން އިސްތިއުފާ ދިނުމަށް ވެސް އެ މީހުން ގޮވި އެވެ.

މުޒާހަރާ ކުރި މީހުން ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި ފޯސްޓަރުތަކާ އެކު ދެ ސަންދޯކެއް ހިފައިގެން ހައި ކޯޓާއި ޖުޑީޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ ކުރިމަތީގައި ވެސް މުޒާހަރާކޮށްފައިވެ އެވެ. އަދި ބައެއް މީހުން ބިންމަތީ އިށީންދެގެން ތިބެ ސަންދޯކުގައި ތަޅަމުން އަޑު އަޑުނަގައި ބުނަމުންދިޔައީ މައުމޫންގެ ސަރުކާރުގައި ޖަލުތަކުގައި އިހާނެތިކޮށް އަނިޔާކޮށް، އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ. އަދި މައުމޫނާއި އޭނާގެ "އައުވާނުން" އިންސާފުގެ ކުރިމަށްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް އެ މީހުން ގޮވަމުންދި އެވެ.

އެމްޑީޕީގެ ގިނަ އެކްޓިވިސްޓުން ލީޑު ކުރަމުންދާ އެ މުޒާހަރާ ފަށާފައި މިވަނީ ކުރީގެ ސަރުކާރުގައި ޖަލުތަކުގައި ޖިނާއީ ބޮޑެތި ކުށްތަކެއް ކޮށްފައިވާ ކަމަށް ބުނެ، ފުލުހުން ތަހުގީގުތަކެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.